ހަބަރު

މަޝްވަރާކޮށްގެން ރާއްޖޭގެ މައްސަލަ އަށް ހައްލު ހޯދަން އީޔޫ އިން ގޮވާލައިފި

May 5, 2015
1

ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށް، މުހިންމު ފަރާތްތަކުން މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ގޮވާލައިފި އެވެ.

ލަންކާގައި ތިއްބަވާ ނޯވޭ އާއި ސްވިޓްޒްލެންޑުގެ އެމްބެސެޑަރުންނާއި އީޔޫގެ ހެޑްސް އޮފް މިޝަންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މޭޑޭގައި މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިނގާފައި ވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ގޯސްވެދާނެ އެންމެހާ ކަންކަމުން ހުރިހާ ފަރާތްތަކަކުން ވެސް ދުރުވެ ތިބުމަށް ވަނީ ބަޔާނުގައި ގޮވާލައިފަ އެވެ.

"އީޔޫ ޑެލިގޭޝަނުން މި ގޮވާލަނީ މުހިންމު ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް، މިހާރު ހުރި މައްސަލަތައް އިތުރަށް ގޯސްވެގެން ނުދާނެ ފަދަ ހައްލެއް ހޯދުމަށެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ މޭ 1 ވަނަ ދުވަހު ހުރިހާ ކަމެއް ވެސް ސުލްހަވެރި ވާނެ ކަމުގެ ޔަގީންކަން އީޔޫގެ ވަފުދަށް ސިޔާސީ ޕާޓީތަކާއި ސަރުކާރުން ވެސް ދިން ކަމަށާއި އެކަމަކު އެގޮތަށް ކަންތައް ނުވުމުން ނާއުންމީދު ވެފައިވާ ކަމަށެވެ.

މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވި ނަމަވެސް މުޒާހަރާގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި ފުލުހުންނާއި އާންމުންނަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. އަދި ހަމަނުޖެހުންތަކާ ގުޅިގެން 200 ވަރަކަށް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.