ކުޅިވަރު

އާސެނަލްއަށް ދާން އޮބާމަޔަންގް ޓީމު ދޫކޮށްލަން އެދިއްޖެ

އާސެނަލްއިން ޝައުގުވެރިކަން ފާޅު ކޮށްފައިވާ، ބުރޫޝިއާ ޑޯޓަމުންޑްގެ ޕިއާރޭ އެމްރިކް އޮބާމަޔަންގް ޑޯޓަމުންޑް ދޫކޮށްލަން އެދިއްޖެ އެވެ.

ކުލަބުގެ ޑިސިޕްލިނަރީ އުސޫލުތަކާ ހިލާފު ވުމުގެ ސަބަބުން ޑޮޓަމުންޑުން ވަނީ، ވޮލްފްސްބާގްއާ ދެކޮޅަށް ކުޅުނު މެޗުން އޮބާމަޔަންގް ބާކީ ކޮށްފަ އެވެ. މިއީ މި ސީޒަންގައި ޑޯޓަމުންޑުން އޭނާއަށް އަދަބު ދިން ދެ ވަނަ ފަހަރެވެ. މިދިޔަ 14 މަސްތެރޭ އޭނާއަށް ވަނީ ތިން ފަހަރަށް އަދަބު ދީފަ އެވެ.

ޖަރުމަންގެ ބިލްޑް ނޫހުން ބުނެފައި ވަނީ، އޮބާމަޔަންގެ ވިއްކާލުމުގެ އަގެއްގެ ގޮތުގައި ކުލަބުން ކަނޑައަޅާފައި ވަނީ 70 މިލިއަން ޔޫރޯ ކަމަށެވެ. އޭނާ ގެންދިއުމަށް އާސެނަލްއިން ބޭނުން ވަނީ، އެ ކުލަބު ދޫކޮށް މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވާން އުޅޭ ކަމަށް އަޑު ފެތުރިފައިވާ ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒްގެ މަގާމު ފޫބެއްދުމަށް ކަމަށެވެ.

ބައޮބާމަޔަންގެ ގެންދިއުމަށް އާސެނަލްއިން ޑޯޓަމުންޑަށް ހުށަހަޅާފައި ވަނީ 60 މިލިއަން ޔޫރޯ އާއި އޮލިވާ ޖިރޫޑްވެސް އެ ޕެކޭޖްގައި ހިމެނޭ ގޮތަށެވެ.