ކުޅިވަރު

ރޮސްބާކްލީ ޗެލްސީއަށް ބަދަލުވުމުގައި އޮޅުވާލުމެއް ނެތް

އެވަޓަން ދޫކޮށް ޗެލްސީއަށް ބަދަލުވި މިޑްފީލްޑާ ރޮސް ބާކްލީގެ ޓްރާންސްފާގައި އެއްވެސް އޮޅުވާލުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ ފަސް ވަނަ ދުވަހު، ޗެލްސީން ވަނީ 15 މިލިއަން ޕައުންޑް، އެވަޓަންއަށް ހުށަހެޅުމަށްފަހު، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާކްލީ ލައްވައި ސޮއި ކޮށްފަ އެވެ. ލިވަޕޫލް ސިޓީގެ މޭޔަރު ޖޯއޭ އެންޑަސަން ވަނީ، ބާކްލީގެ ޓްރާންސްފާގައި ޗެލްސީ އާއި އެވަޓަންގެ ދެމެދުގައި ކުރި މުއާމަލާތްތަކުގައި "މަކަރާއި ހީލަތް" ހިމެނޭ ކަމަށް ތުހުމަތު ކޮށްފަ އެވެ.

އަދި އޭނާ ވަނީ އެ މައްސަލަ ތަހްގީގު ކުރުމަށް ލިވަޕޫލް ސިޓީގެ ފުލުހުންނަށް އަންގާފަ އެވެ. އެންޑަސަން އަކީ އެވަޓަންގެ ޒަމާންވީ ސަޕޯޓަރެކެވެ.

ދެ ޓީމުގެ ދެމެދުގައި ކުރި މުއާމަލާތްތައް ތަހްގީގު ކުރުމަށްފަހު ފުލުހުން ބުނެފައި ވަނީ މަކަރާއި ހީލަތް ހެދުމުގެ އެއްވެސް ކަމެއް އެ ޓްރާންސްފާގައި ފެންނަން ނެތް ކަމަށެވެ.

އެންޑަސަންގެ ކަންބޮޑު ވުމަކީ، ބާކްލީގެ އަގަށް ޗެލްސީން ހުށަހެޅި 15 މިލިއަން ޕައުންޑްގެ އަގު އެކަށީގެން ނުވުމެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް ޗެލްސީން ވަނީ ބާކްލީ ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. އޭރު ޗެލްސީން ހުށަހެޅީ 35 މިލިއަން ޕައުންޑް ދޭ ގޮތަށެވެ.

ބާކްލީ، ޗެލްސީއަށް ސޮއި ކުރި ނަމަވެސް އެފްއޭކަޕްގެ ތިން ވަނަ ބުރުގައި މިރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ. އޭނާ އެންމެ އަވަހަށްވެސް ޗެލްސީގައި ކުޅެވޭނީ ހޮނިހިރު ދުވަހު ޕްރިމިއާ ލީގްގައި ބްރައިޓޮން ހޯވް އެލެބިއޮން އާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.

އެ ދެމެދުގައި ބާކްލީ މެޗަށް ފިޓް ކުރުމުގެ ގޮތުން ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ވަނީ ޓީމުގެ ޓްރެއިނިންގެ ތެރެއިން ފްރެންޑްލީ މެޗުތަކެއް ކުޅޭނެ ކަަމަށް ބުނެފަ އެވެ.