ސުޕްރީމް ކޯޓް

ހަތަރު ލީޑަރުންގެ ސިޓީއެއް ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާ ބުނުމުގައި ދެބަސް އުފެދިފައިވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި އިދިކޮޅު ހަތަރު ލީޑަރުން ސުޕްރީމް ކޯޓަށް މިއަދު ސިޓީއެއް ހުށަހަޅުއްވައިފި އެވެ. ހަތަރު ލީޑަރުން ސޮއިކުރައްވާފައިވާ އެ ސިޓީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ލީޑަރުންގެ މަންދޫބުންނެވެ.

މިއަދު ސުޕްރީމް ކޯޓަށް ސިޓީ ހުށަހެޅުއްވުމަށް ވަޑައިގެންނެވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން ދަރިކަނބަލުން ޔުމްނާ މައުމޫނާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒެވެ. އޭގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ބައެއް މަޖިލިސް މެންބަރުން ވެސް މިއަދު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި އެވެ.

ލީޑަރުން ހުށަހެޅުއްވި ސީޓީ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފަ އެވެ.

މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިޓީއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަށް މަޖިލީހަށް ވަނުމަށް ހުރަސް އަޅައި، އެތައް ރައްޔިތުންގެ ހައްގުތަކެއް ގެއްލުވާލާފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާމެދު އެންމެ ފަހު ބަސް ބުނަންޖެހޭ ބަޔަކީ ސުޕްރީމް ކޯޓު ކަމަށާއި އިލެކްޝަން ކޮމިޝަނުން މެންބަރުންގެ ގޮނޑިއާމެދު ބުނާ ބުނުމަށް ސުޕްރީމް ކޯޓުން ބަހެއް ބުނަންޖެހޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ، މަޖިލިސް މި އަހަރަށް ހުޅުވި މުހިންމު ބިލްތަކެއް ހުށަހަޅަން ތައްޔާރުވަމުންދާއިރު އެތައް ރައްޔިތުންގެ އަޑު މަޖިލީހުގެ ތެރޭގައި ކަނޑުވާލާފައިވުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އެކަމުގައި ސުޕްރީމް ކޯޓުގެ ބަހެއް ބޭނުންވާ ކަމަށެވެ.

ޔުމްނާ މައުމޫން ވިދާޅުވީ، ގޮނޑިތަކާމެދު ގޮތެއް ކަނޑައެޅުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށާއި މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ނުބުނާހާ ހިނދަކު މެންބަރުންނަށް ހުރަސް ނޭޅޭނެ ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން އެކަމަށް ހުރަސް އަޅަމުން ދިޔުމަކީ ހައްލެއް ބޭނުންވާ ކަމެއް ކަމަށެވެ. މަޖިލިސް އަލުން ހުޅުވުމުގެ ކުރިން ސުޕްރީމް ކޯޓުން އެކަމުގައި ގޮތެއް ނިންމުން ވަރަށް މުހިންމު ކަމަށް ޔުމްނާ ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެންބަރުންގެ ތެރެއިން މާލޭގައި މިވަގުތު ތިއްބެވި މެންބަރުން ދަނީ ކޮންމެ ދުވަހަކު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަމުންނެވެ. އަދި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް ވަނީ އެދިފަ އެވެ.

މިހާތަނަށް 12 މެންބަރެއްގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ. މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ އެ މެންބަރުންނާ ނުލަ އެވެ. މެންބަރުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތް ކޮށެވެ. އެއީ އެ ހުކުމަށްފަހު އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅި ހުކުމެވެ. ނަމަވެސް 12 މެންބަރުން ވެސް ވިދާޅުވަމުން ދަނީ އެ މެންބަރުން އެ ހުކުމުގެ ކުރިން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ.

އެ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

އިލެކްޝަން ކޮމިޝަނުން އަމީތާއި ވަހީދާއި ސައުދު އަދި ލަތީފްގެ ގޮނޑި ގެއްލުވާލި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ މައްސަލާގައި ދިގު އަޑުއެހުންތަކަކަށްފަހު، ސުޕްރީމް ކޯޓުން ވަނީ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭނެ އިތުރު ކަމެއް ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފަ އެވެ. މައްސަލަ ބޭރުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރު އިދިކޮޅު ފަރާތްތަކާއި ސަރުކާރުން މާނަ ކުރަނީ ތަފާތު ކޮށެވެ. އެ އަމުރުން ސީދާ މެންބަރުންގެ ގޮނޑި ގެއްލޭކަން ނޭނގޭ ކަމަށް އިދިކޮޅުން ބުނާއިރު ސަރުކާރުން ބުނަނީ ގޮނޑި ގެއްލިއްޖެ ކަމަށެވެ. އެހެން މެންބަރުން ވެސް ސުޕްރީމް ކޯޓަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅޭ ގޮތުން މިހާ ތަނަށް ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަ އެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ވެސް އިއުލާންކޮށްފަ އެވެ. ނަމަވެސް، މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެ ކޮމިޝަނަށް އިލެކްޝަން ބޭއްވިފައެއް ނުވެ އެވެ. ޕީޕީއެމްއިން ދަނީ ދާއިރާތަކުގައި ވަރުގަދަ ކެމްޕެއިންތައް ކުރަމުންނެވެ. އެހެނަސް ކެނޑިޑޭޓެއް އަދި ނުނެރެ އެވެ. އަދި އިލެކްޝަން ބާއްވާނެ ދުވަހަކާ މެދު ކޮމިޝަނުން ވެސް އެއްވެސް އެއްޗެއް ނުބުނެ އޮތީ ހިމޭނުން އެވެ.