ހަބަރު

ކުރީގެ ސީޕީ ރިޔާޒު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

May 5, 2015
2

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ރިޔާޒު ދެންމެ ވަނީ އޭނާ މިރޭ 9:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައި، ފުލުހުން ފޮނުވި ޗިޓް ޓްވިޓާގައި އާންމު ކުރައްވައިފަ އެވެ. އެ ޗިޓްގައިވާ ގޮތުން ރިޔާޒު ހާޒިރުކުރަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކޮށް، ބަޔާން ނެގުމަށެވެ. އެ ޗިޓްގައި ސޮއިކޮށްފައިވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުގެ އޮފިސަރެކެވެ.

ރިޔާޒު ފުލުހަށް މިރޭ ހާޒިރުވާން އަންގާފައިވާއިރު މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމާ އެކު 170 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށް، ބަންދު މުއްދަތު އިތުރުކޮށްފަ އެވެ.