ކުޅިވަރު

ބަންގާޅުގެ އެންމެ ވަރުގަދަ ކުޅުންތެރިން ސައިފަށް

Jan 18, 2018

އޭއެފްސީ ކަޕް ކޮލިފައިންގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިކުންނަ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކުލަބު ފުޓުބޯޅައިގެ ތެރެއަށް ނިކުއްތާ އަދި މިވީ 17 މަސް ދުވަހެވެ. ކިތަންމެ ޒުވާން ކުލަބަކަށް ވީނަމަވެސް ސައިފް މިހާރު އޮތީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ކެތް މަދު ވެފަ އެވެ.

ބަންގާޅުގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާ ސައިފް ޕަވާޓެކް ކުންފުނި ހިންގާ ސައިފް ސްޕޯޓިން ކުލަބު އެޓީމު ބަންގާޅުގެ ފުރަތަމަ ޑިވިޝަންގައި ހޭދަކުރި ފުރަތަމަ އަހަރު ނިންމާލީ ލީގު ތާވަލުގެ ހަތަރުވަނަ މަގާމުގައި 22 މެޗުން 41 ޕޮއިންޓާއެކު އެވެ.

ބޮޑެތި ހަރަދުތަކެއް ކޮށްގެން ފުރަތަމަ ޑިވިޝަނަށް ނިކުތް ނަމަވެސް ބަންގާޅުގެ ޒަމާންވީ ގަދަ ބާރުތަށް ފަހަތަށް ޖައްސާލުމަކީ ސައިފް އަށްވެސް ނުކުރެވުނު ކަމެކެވެ.

2016 ވަނަ އަހަރު ނިއު ރޭޑިއަންޓު ކުރީގެ ކޯޗު ސާބީއާގެ ނިކޮލާ ކަވަޒޮވިޗްގެ އިރުޝާދުގެ ދަށުން ބަންގާޅު ދެވަނަ ޑިވިޝަންގެ ދެވަނަ މަގާމު ހޯދައި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި، ސައިފް 2016 ވަނަ އަހަރު އެންމެ މެޗަކުންވެސް ބަލިވެފައި ނުވެ އެވެ.

ރާއްޖެ އެކޭ އެއްފަދައިން ބަންގާޅަށްވެސް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ލިބެނީ އެންމެ ޖާގައެކެވެ. ދެވަނަ ޖަގާ އަކީ ކޮލިފައިން ފުރުސަތެކެވެ. އެފުރުސަތު ލިބެނީ ބަންގާޅުގެ ފެޑެރޭޝަން ކަޕު ޗެމްޕިއަން ޓީމަށެވެ. މިދިޔަ އަހަރުގެ ބަންގާޅު ފެޑެރޭޝަން ކަޕު ކާމިޔާބުކުރީ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ އެވެ. އެހެންކަމުން މިފުރުސަތު ލިބެނީ ލީގުގެ ދެ ވަނަ ޓީމަށެވެ. ނަމަވެސް ބަންގާޅުގެ ލީގުގެ ގިނަ ޓީމުތަށް އަތުގައި އޭއެފްސީ ކުލަބް ލައިސެންސް ނެތެވެ. ބަންގާޅުގައި އޭއެފްސީ ކުލަބް ލައިސެންސް އޮތީ ޑާކާ އަބަހާނީ، މޮހަންމަދާން އަދި ސައިފް އަތުގަ އެވެ. މިހެންވުމުން ކޮލިފައިން ފުރުސަތު ލިބުނީ ލީގުގެ އެންމެ މަތީގައި ނިންމާލި އޭއެފްސީ ލައިސެންސް އޮންނަ ކުލަބަށެވެ.

މުހައްމަދާން ލީގު ނިންމާލީ ތާވަލުގެ ފަސް ވަނަ މަގާމުގަ އެވެ. ސައިފް ލީގު ނިންމާލީ ހަތަރުވަނަ މަގާމުގަ އެވެ. މިހެންކަމުން ސައިފްއަށް އޭއެފްސީ ކޮލިފައިންގެ ފުރުސަތެއް ލިބުނީ އެވެ.

މިމަހުގެ 23 ވަނަ ދުވަހު ފުރަތަމަ ލެގުގައި ޓީސީ އާއި ދެކޮޅަށް ނިކުންނަ މެޗަށް ސައިފް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. މިގޮތުން އެކުލަބުން މިވަނީ ފާއިތުވެދިޔަ ސީޒަނުގެ ބަންގާޅު ލީގުގެ ތިން ވަނަ މަގާމު ހޯދި ޓީމު ޗިޓަގޮންގެ ހަތް ކުޅުންތެރިޔަކު ލޯނު އުސޫލުން ގެނެސްފަ އެވެ. މިކުޅުންތެރިންގެ ތެރޭގައި ބަންގާޅު ގައުމީ ޓީމުގައި ހިމެނޭ ހަތަރު ކުޅުންތެރިން ހިމެނެ އެވެ. މީގެ އިތުރުން އެކުލަބުން ވަނީ މޮހަންމަދާންގެ ނައިޖީރިއާ ފޯވާޑް ރަފޭލް އޮޑޮވިން އޮންވްރެބޭ ލޯން އެއްބަސްވުމެއްގެ ދަށުން ގެނެސްފަ އެވެ.

ސައިފް ޓީމުގައި އުޒްބަކިސްތާން އަދި ކޮލޮމްބިއާގެ ދެ މިޑްފިލްޑަރުން ހިމެނެ އެވެ. ސައިފްއަށް ކުޅޭ ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ މެންޗެސްޓާ ޔުނައިޓެޑު އަދި ޓޮޓެންހަމްގެ ކުރީގެ ތަރި ޓެޑީ ސެރިންހަމްގެ ދަރި ޗާލީ ސެރިންހަމް އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ސައިފްއަށް ކުޅުނު 10 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފަ އެވެ.

ޓީސީ އާއި ދެކޮޅަށް ސައިފްއަށް އިރުޝާދު ދެނީ އިންގިރޭސި ކޯޗު ރަޔަން ނޯތުމޯ އެވެ. ކޮލިފައިން ފުރަތަމަ ލެގު ކުޅޭނީ މިމަހު 21 ވަނަ ދުވަހު ޑަކާގަ އެވެ. ދެވަނަ ލެގު މާލޭގައި ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 30 ވަނަ ދުވަހު އެވެ.