ބޮލީވުޑް

"ޕެޑްމޭން" ރިލީޒް ކުރުން ފަސްކޮށްފި

Jan 20, 2018

ސުޕަސްޓާ އަކްޝޭ ކުމާރުގެ މި އަހަރު ރިލީޒްވާ ފުރަތަމަ ފިލްމު "ޕެޑްމޭން" އާއި މައްސަލަ ގަނޑެއްގެ ތެރޭގައި ތާށިވެފައި އޮތް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް "ޕަދްމާވަތު" އާ ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ނުދާން ވެގެން "ޕެޑްމޭން" ރިލީޒް ކުރުން ދެ ހަފްތާ ފަސްކޮށްފި އެވެ.

އަކްޝޭ އާއި ރާދިކާ އަޕްޓޭ އަދި ސޯނަމް ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދާ "ޕެޑްމޭން" ރިލީޒް ކުރުން ފެބްރުއަރީ ނުވަ ވަނަ ދުވަހަށް ބަދަލު ކުރިކަަން ޓްރޭޑް އެނަލިސްޓް ކޮމަލް ނަހްތާ ވަނީ ކުރި ޓްވީޓެއްގައި ޔަގީންކޮށްދީފަ އެވެ.

އިންޑިއާގެ ރަށްފުށު ސަރަހައްދެއްގައި ހެޔޮ އަގުގައި ސެނިޓަރީ ނެޕްކިން އުފައްދާ މެޝިނެއް އީޖާދުކުރި އަރުނަޗަލަމް މުރުގަނަންތަމްގެ ޕެޑް އުފައްދައި އެ އަވަށުގެ އަންހެނުން މައްސަރު ދުވަސްވަރު ސާފު ތާހިރު ކަން ބަހައްޓަން ޖެހޭ ގޮތް ދަސްކޮށްދޭން ކުރި އުނދަގޫ ދަތުރު މި ފިލްމުގައި ފެނިގެންދާނެ އެވެ.

އާރް ބަލްކީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ވާހަކަ ތަފާތުވެފައި ފިލްމުގެ ތަރިންގެ ވަރުގަދަ ކަމުން މި ފިލްމަކީ ރިލީޒް ކުރުމުގެ މާ ކުރިން ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބުނެމުން އަންނަ ފިލްމެކެވެ. ނަމަވެސް "ޕަދްމާވަތު" އާ ދެކޮޅަށް ކުރަމުން އައި މުޒާހަރާތަކާ ގުޅިގެން ސެންސަރު ބޯޑުގައި އެ ފިލްމު ތާށިވެފައި އޮތުމަށް ފަހު މި މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރާނެކަން ހާމަ ކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

"ޕަދްމާވަތު" ރިލީޒް ކުރުން އެއް މަސް ފަސްވެފައި އޮތުމަށް ފަހު ރިލީޒްވާތީ އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. އެ ފިލްމުގެ ލީޑް ރޯލުންތަކުން ފެނިގެންދަނީ ރަންވީރު ސިންގާއި ދިޕިކާ ޕަދުކޯން އަދި ޝާހިދު ކަޕޫރަށް ވުމުން ވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ އެވެ. އަދި ބަންސާލީ މީގެ ކުރިން ވެސް ތާރީހީ ލޯބީގެ ވާހަކަތަކުގެ މައްޗަށް އުފެއްދި ދެ ފިލްމަށް ވެސް ބޮޑު ކާމިޔާބީއެއް ލިބި، އަދި "ޕަދްމާވަތު" އަކީ ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމަކަށް ވުމުން އެފިލްމާ އެއް ދުވަހެއްގައި ރިލީޒް ކޮށްފިނަމަ "ޕެޑްމޭން" އަށް ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހޭނީ ނާކާމިޔާބީ އާ އެވެ.

"ޕަދްމާވަތު" އާ ކުރިމަތިލުމަކަށް ނުދާންވެގެން "ޕެޑްމޭން" އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ފަސް ކުރިއިރު، އެ ދުވަހު ސިދާތް މަލްހޯތުރާ އާއި މަނޯޖް ބަޖްޕައީގެ "އައްޔާރީ" ރިލީޒް ކުރާނެ އެވެ. ނަމަވެސް "އައްޔާރީ" ގެ ޕްރޮމޯޝަންގެ އަޑުމަޑުވެފައި ފިލްމުގެ ވާހަކަ ދެކެވޭލެއް މަދުކަން "ޕެޑްމޭން" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުމަކީ ފަސޭހަ ކަމެކެވެ.

އަކްޝޭގެ އަންހެނުން އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، މިސިޒްފަނީބޯންސްއިން އުފައްދާ ފުރަތަމަ ފިލްމު "ޕަދްމާވަތު" އަށް ވުރެން ދެ ހަފްތާ ފަހުން ރިލީޒްކުރަން ފަސްކުރީ ވެސް އެ ފިލްމުގެ ތަރުހީބު ދެ ހަފްތާއެއްހާ ދުވަސްފަހުން މަޑުވެދާނެ ކަމަށް ބަލާފަ އެވެ.