ބޮލީވުޑް

"ޕަދްމާވަތު" އިން "ގަލީ ބޯއި" އަށް ރަންވީރު ގެނައި ބަދަލު

Jan 20, 2018

ގިނަ އެކްޓަރުންނަށް ފިިލްމުތަކުގައި ކުޅޭ ރޯލަށް ތައްޔާރުވާން ފަލަވެ، ހަށިގަނޑު ބިޔަކޮށްލަން ޖެހިއްޖެނަމަ އެކަން ވަރަށް ފަސޭހަކަމާ އެކު ކުރެވެ އެވެ. ނަމަވެސް ވަރުގަދަ މަސްތައް ޖަހައި ބިޔަކޮށްފައި ހުންނަ ހަށިގަނޑު ހިއްކާލަން ޖެހިއްޖެނަމަ ގިނަ ތަރިން އެތަކެއް ތަކުލީފެއް އުފުލަ އެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" ގެ ޝޫޓިން ނިންމައި ޒުވާން އެކްޓަރު ރަންވީރު ސިންގް މަސައްކަތް ފެށިީ ދެން ކުޅެން ހަމަޖެހިފައި އޮތް ފިލްމު "ގަލީ ބޯއި" އަށް ތައްޔާރުވުމަށެވެ. ނަމަވެސް "ޕަދްމާވަތު" ގައި އަލާއުއްދީން ހިލްޖީ ކިޔާ އަނިޔާވެރި ރަސްކަލެއްގެ ރޯލު ކުޅެން ގައިގެ މަސްތައް ވަރުގަދަކޮށް ހަށިގަނޑު ބިޔަކޮށްފައި ހުރި ރަންވީރަށް ޖެހުނީ "ގަލީ ބޯއި" އަށް އެ ވަރުގަދަ ހަށިގަނޑު އެއްކޮށް ހިއްކާލާށެވެ.

އިއްޔެ ރަންވީރު ވަނީ ކުރި ޓްވީޓެއްގައި 'ޕަދްމާވަތު" ކުޅުނުއިރު އޭނާގެ ހަށިގަނޑު ހުރި ގޮތާއި "ގަލީ ބޯއި" އަށް ހަށިގަނޑު ހިއްކާލައި ގެނެސްފައި ހުރި ބަދަލުދައްކާލާފަ އެވެ.

ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި ހަށިގަނޑަށް އެހާ ބޮޑު ބަދަލެއް ގެނެސް ރަންވީރު ވަނީ ގިނަބަޔަކު ވަނީ ހައިރާންކޮށްލާފަ އެވެ.

ކުރީގައި ހުރި ވަރުގަދަ ހަށިގަނޑު އެއްކޮށް ހިއްކާލާފައިވަނީ ގަލީ ބޯއިގައި ކުޅެން ޖެހޭ ރޯލުގެ ގޮތުންނެވެ. ރެޕަރެއްގެ ރޯލު ރަންވީރު ކުޅޭ އެ ފިލްމަކީ އިންޑިއާގެ ސްލަމް ހިސާބަކަށް ނިސްބަތްވާ ރެޕަރެއްގެ ހަޔާތް ފެނިގެންދާނެ ފިލްމެކެވެ. އެ ފިލްމުގައި ރަންވީރާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ އާލިއާ ބަޓް އެވެ.