މަރު

ޑިންގީއަކުން ޖެހި ޒުވާނަކު މަރުވެއްޖެ

ދުއްވާފައި ދިޔަ ޑިންގީއަކުން ޖެހި، ޒުވާނަކު މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ރ. މާކުރަތުގަ އެވެ. މަރުވެފައިވަނީ އެ ރަށު ނަލަހިޔާގޭ، އަބްދުލް އަޒީޒް ހަސަން އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު 9:37 އެހާކަން ހާއިރު ކަމަށެވެ. އެ ޒުވާނާއަށް މާކުރަތު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އުނގޫފާރު ހޮސްޕިޓަލަށް ވެސް ގެންދިޔަ އެވެ. އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި ގޮތުގައި ޒުވާނާ ވަނީ މަރުވެފަ އެވެ.

ހާދިސާ ހިނގި ގޮތް ކިޔައިދެއްވަމުން މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވީ، އަޒީޒް ސްނޯކްލިންއަށް ނެރު މަތީ އުޅެނިކޮށް ނެރު ވަން ޑިންގީއެއް ޖެހުމާ ގުޅިގެން ކަމަށެވެ. އެ ޑިންގީއަކީ އިންޖީނުލީ ޑިންގީއެކެވެ. އަޒީޒް ޑިންގީގައި ޖެހިފައިވަނީ ނޭވާލުމަށް މައްޗަށް އެރި ވަގުތު ކަމަށާއި ޑިންގީ ޖެހުމުން ނޭވާލުމަށް ފުރުސަތު ނުލިބި އޭނާ އަޑިއަށް ދިޔައީ ކަމަށެވެ.

އަޒީޒް ޑިންގީގައި ޖެހުނު ކަމެއް އޭގައި ތިބި މީހުންނަށް ނޭނގެ އެވެ. ހަސަން އަލީ ވިދާޅުވި ގޮތުގައި އަޒީޒް ފެނިފައިވަނީ ރަށު އެހެން ބަޔަކަށް ފަޅު ތެރޭ އަޑީގަ އޮތްވަ އެވެ. އޭނާ މޫދުން ނަގާފައިވަނީ އެކަން ހިނގިތާ ގާތްގަނޑަކަށް 15 ވަރަށް މިނެޓް ފަހުން ކަމަށް ބެލެވޭ ކަމަށެވެ.

ބޭރު ފުށުން އަޒީޒަށް ޒަހަމްތަކެއް ލިބިފައިނުވާ ކަމަށް ވެސް ހަސަން އަލީ ވިދާޅުވި އެވެ. އަޒީޒްގެ އާއިލާ މިހާރު ތިބީ އުނގޫފާރުގަ އެވެ. މި ހާދިސާއާއެކު މާކުރަތަށް ސިހުން ލިބިފައިވާ ކަމަށް ވެސް ހަސަން އަލީ ވިދާޅުވި އެވެ.

މިއީ މިފަދަ ހާދިސާއެއް އެ ރަށުގައި ހިނގި ފުރަތަމަ ފަހަރެވެ. ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރަށު ތެރޭގައި ތަފާތު ގޮތްގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އެގޮތުން ބައެއް މީހުން ޑިންގީ ދުއްވާފައި ދިޔައީ ބަލަން ވާވަރަށް ނުބަލާ ކަމަށް ބުނަމުންދާއިރު އަނެއް ބަޔަކު ދެކޭ ގޮތުގައި ނެރު މަތީ ސްނޯކްލިންއަށް ގޮސް އަޒީޒް އުޅުނީ ބަލަންވާ ވަރަށް ނުބަލަ އެވެ.