ހަބަރު

ޔުކްރެއިންގެ ރައީސް އެހެން ނަމެއްގައި ރާއްޖެ ވަޑައިގަތް!

ޔުކްރެއިންގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ އެހެން ނަމެއްގައި ސިއްރުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވިކަން ފަޅާ އަރައިފި އެވެ.

ޔުކްރެއިންގެ ޓީވީ ސްޓޭޝަނަކުން ހެދި އިންވެސްޓިގޭޓިވް ރިޕޯޓެއްގައި ބުނެފައި ވަނީ ޕޮރޮޝެންކޯއާއި އޭނާގެ އާއިލާ ރާއްޖެއަށް ވަޑައިގެންނެވީ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގައި ކަމަަށެވެ. އަދި އެއާއިލާ ރާއްޖޭން ފުރާވަޑައިގެންނެވީ ޖެނުއަރީމަހުގެ އަށް ވަނަ ދުވަހު ކަމަށް ވެސް އެެރިޕޯޓުގައި ބުނެފައި ވެއެވެ.

ޕޮރޮޝެންކޯގެ އާއިލާ ރާއްޖޭގައި ތިއްބެވީ ޗިވަލް ބްލޭންކް ރަންދެލި ރިސޯޓުގައި ކަމަށާއި އެ ރިސޯޓަށް ވަޑައިގެންނެވީ "ޕެޓްރޯ އިންކޮފްނިޓޯ" ގެ ނަމުގައި ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ޔޫރަޕްގައިވާ އެންމެ ފަގީރު ގައުމުގެ ގޮތުގައި މިހާރު އޮތް ޔުކްރެއިންގެ ރައީސްގެ ދަތުރުފުޅަށް ފަސް ލައްކަ ޑޮލަރު ހަރަދު ކުރެއްވި ކަމަށް ރިޕޯޓުގައި ބުނެފައި ވާތީ އެ ގައުމުގައި މިހާރު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

"ސްކީމީ ޝޯ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ޕޮރޮޝެންކޯގެ ދަތުރުފުޅާ ބެހޭ ގޮތުން ހާމަކޮށްފައިވާ މައުލޫމާތުތައް ތެދުކަމަށް ވިދާޅު ނުވި ނަމަވެސް ރާއްޖެއަށް ސިއްރު ދަތުރުފުޅެއް ކުރެއްކިމަަށް އިއުތިރާފް ވެވަޑައިގެންފަ އެވެ. ނަމަވެސް އޭނާގެ ސަރުކާރުން ކުރިން ބުނަމުން ދިޔައީ އޭނާ ގައުމުން ބޭރަށް ޗުއްޓީ ހޭދަކުރައްވަން ވަަޑައި ނުގަންނަވާ ކަމަށެވެ.

ސްކީމީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޕޮރޮޝެންކޯ ރާއްޖެއަށް ވަޑައިގެންނެވީ ތުރުކީގެ ކުންފުންޏަކުން ޕްރައިވެޓް ޖެޓެއް ކުއްޔަށް ހިއްޕަވައިގެނެވެ.