ދުނިޔެ

ލަންކާގެ ހައްދުފަހަނައެޅި ބުޑިސްޓު ޖަމާއަތުން ސިޔާސީ ޕާޓީއެއް ހަދަނީ

May 6, 2015

ސްރީ ލަންކާގެ ހައްދުފަހަނައެޅި ބުޑިސްޓް ޖަމާއަތް ކަމަށްވާ ބޮޑު ބަލަ ސޭނާ (ބީބީއެސް) އިން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

ބީބީއެސްއާ ހަވާލާދީ ކޮލަމްބޯ ޕޭޖްގައި ބުނެފައި ވަނީ ޕާޓީ އުފެއްދުމާ ބެހޭ ގޮތުން މިއަދު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރާނެ ކަމަށެވެ. އެ ޖަމާއަތުން ބުނެފައި ވަނީ ޕާޓީ އުފެއްދުމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނަރާ އެކު އެކި ފަހަރުމަތިން ވާހަކަ ދެކެވިފައިވާ ކަމަށާއި މިއަދު ބައްދަލުކުރަނީ ޕާޓީ އުފެއްދުމަށް ރަސްމީކޮށް ހުށަހެޅުމަށް ކަމަށެވެ.

އެ ޕާޓީން ބުނީ އުފައްދާ ޕާޓީ ވެގެން ދާނީ ބުޑިސްޓު ހާމުދުރުންގެ ލަފަޔާ އެކު ހިންގާ ޕާޓީ އަކަށް ކަމަށާއި ބީބީއެސް އިން އެ ޕާޓީގެ ފަހަތުގައި އޮންނާނެ ކަމަށެވެ.

މިދިޔަ އަހަރު ސްރީ ލަންކާގައި މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގައި ތަންތަނުގައި ހުޅުޖެހި ހާދިސާތަކުގައި ފަހަތުގައި ބީބީއެސްގެ ހިއްސާ ބޮޑު ކަމަށް ތުހުމަތުކުރެ އެވެ. ލަންކާގައި މުސްލިމުންގެ ބާރު ވިޔަފާރި އާއި އިގްތިސާދުގައި އަދި ސިޔާސީ ކަންކަމުގައި ގަދަވަމުން އަންނައިރު ބައި މަދު ދީނެއްގެ ބަޔަކަށް އެހާ ބޮޑެތި ބާރުތަކެއް ދިނުމަކީ ބޮޑު ނުރައްކަލެއް ކަމަށް ބީބީއެސް އިން ދަނީ ބުނަމުންނެވެ.

ބީބީއެސް އަކީ ކުރީގެ ރައީސް މަހިންދަ ރާޖަޕްކަސައާ އެކު ގާތް ގުޅުންތަކެއް ބޭއްވި ޖަމާއަތެކެވެ.