ހަބަރު

ފާރިސް ޖަލުގައި 187 ދުވަސް، މީ ކޮންފަދަ އަނިޔާވެރިކަމެއް: މައުމޫނު

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމު މާފުށީ ޖަލަށް ވަޑައިިގެން، ދަރިކަލުން އަހުމަދު ފާރިސް މައުމޫނާ ބައްދަލުކުރެއްވުމަށް ފަހު ސަރުކާރަށާއި ރާއްޖޭގެ ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފާރިސް މައުމޫނަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ވެސްމެެ އެވެ. މާފުށީ ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީިޓެއްގައި މައުމޫނު ވިދާޅުވީ އޭނާ ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރިތާ ފަސް މަހަށް ވުރެ ގިނަ ވެފައިވާ ކަމަށެވެ.

"ސިޔާސީ ކޮންފަދަ އަނިިޔާވެރިކަމެއްތޯ؟ އިންސާފުވެރިނުވުމުގެ ކޮންފަދަ އަމެލެއްތޯ؟" މައުމޫނު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ފާރިސްއާ ދެކޮޅަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހެޅި 23 ހުށަހެޅުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ތާވަލުކުރި އަޑުއެހުމެކެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް އެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށެވެ. ރިޝްވަތުގެ ތުހުމަތުގައި ޝަރީއަތް ނިންމެންދެން ފާރިސް ބަންދުކޮށްފައިވާއިރު، އެ މައްސަލާގައި ދެން ޝާމިލުވާ ޝާފިއުއަށް ދައުވާ ނުކުރަން ވަނީ ނިންމާފަ އެވެ. ފާރިސް ހައްޔަރުކޮށް، ބަންދުކުރި މައްސަލާގެ އިސްތިއުނާފު މައްސަލާގެ ހުކުމް ވެސް ވަނީ މަޑުޖެހިފަ އެވެ.