ހަބަރު

ހިތް ހުއްޓިގެން އަނެއްކާވެސް ގައިދީއަކު މަރުވެއްޖެ

ހިތް ހުއްޓިގެން މާފުށީ ޖަލުގެ ގައިދީއަކު މިރޭ މަރުވެއްޖެ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ލުގުމާން ވިދާޅުވި ގޮތުގައި، މިރޭ މަރުވެފައިވަނީ 34 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ގައިދީ މަރުވީ މާފުށީ ސިއްހީ ސެންޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.

މަރުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެކެވެ.

މިދިޔަ މަހު ވެސް ހާޓް އެޓޭކެއް ޖެހި ގައިދީއަކު މަރުވެފައިވެ އެވެ. އޭރު މަރުވީ ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ 31 އަހަރުގެ ފިރިހެނެކެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ އޯގަސްޓް މަހު އާއި ޖުލައި މަހު އަދި ފެބްރުއަރީ މަހު ވެސް ގައިދީން މަރުވެފައިވެ އެވެ. ދެހާސް ފަނަރަވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށްލީ އަބްދުﷲ ރަޝީދު މުހައްމަދު ވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަރުވި އެވެ.