ހަބަރު

އޮޕަރޭޝަން ހިންގަނީ އަހަރުމެން، ފުލުހުންނެއް ނޫން: ކަސްޓަމްސް

ރޯަޔަލް އައިލެންޑަށް ދޫކޮށްފައިވާ ބަނގުރަލުގެ ތެރެއިން ފަން އައިލެންޑަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ ތަކެތި ކަސްޓަމްްސްގެ ބެލުމުގެ ދަށް ގެންދަން ފެށި އޮޮޕަރޭޝަނާ ގުޅުވައިގެން ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ހަބަރު ނުފަތުރަން ކަސްޓަމްސް އިން އިލްތިމާސްކޮށްފިއެވެ.

ކަސްޓަމްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދު ފެށި އޮޕަރޭޝަނަކީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން އެ މުއައްސަސާއަށް ދީފައިވާ ބާރުން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. އެފަދަ މައްސަލަތައް ބެލުމުގައި ކަސްޓަމްސް އިން ފުލުހުންނާއި ސިފައިންގެ އެހީތެރިކަމަށް އެދެވޭނެ ކަަމަށާއި އެދިއްޖެ ނަމަ އެހީތެރިކަން ދޭންވާނެ ކަމަށް ވެސް ގާނޫނާ ހަވާލާދީ ކަސްޓަމްސް އިން ބުންޏެވެ.

" ވީމާ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް އަދި ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ދޮގު ހަބަރު ނުފެތުރުމަށް އިލްތިމާސް ކުރަމެވެ،" ކަސްޓަމްސްގެ ބަޔާނުަގައި ވެއެވެ.

ގިނަ އަދަދެއްގެ ފުލުހުންނާއި އެކު ކަސްޓަމްސްގެ އޮފިސަރުން މިއަދު ވަނީ ވިލާ ފަން އައިލެންޑަށް ގޮސް އެތަނުގައިވާ ހުރިހާ ބަނގުރަލެއް އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ކަސްޓަމްސް އިން ތުހުމަތުކުރާ ގޮތުގައި ފަން އައިލެންޑުގައި ހުރީ އެ ރިސޯޓް ހިންގާ ވިލާ ގްރޫޕްގެ އެހެން ރިސޯޓެއް ކަމަށްވާ ރޯޔަލް އައިލެންޑަށް ދޫކޮށްފައިވާ ބަނގުރަލުގެ ތެރެއިން ބައެކެވެ. ވިލާ ގްރޫޕުން ބުނަމުން އަންނަނީ ފަން އައިލެންޑުގައި ހުރި ބަނގުރަލަކީ ގާނޫނާ ގަވައިދާ އެއްގޮތަށް އެ ރިސޯޓަށް ގެންގޮސްފައިވާ ތަކެތި ކަމަށެވެ.