ދުނިޔެ

ތުރުކީން ސޫރިޔާއަށް ބޮން އަޅައި ނުވަ މީހުން މަރާލައިފި

ސޫރިޔާއާ ތުރުކީއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އާފްރިން ނަމަކަށް ކިޔާ ރަށަށް ތުރުކީގެ ވައިގެ ސިފައިން ބޮން އަޅައި ނުވަ މީހުން މަރާލައި 13 މީހުން ޒަހަމްކޮށްލައިފިއެވެ.

އާފްރިންއަކީ ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީންްގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ވައިޕީޖީގެ ބާރުގެ ދަށުގައިވާ ރަށެކެވެ. ވަައިޕީޖީއަކީ އެމެރިކާގެ މަދަދު ލިބޭ ޖަމާއަތެކެވެ. އެއީ އިސްލާމިކް ސްޓޭޓް ( އައިއެސް)އާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގެ މުހިއްމު ބައިވެރިއެއް މެއެވެ. އާފްރިން އިން ވައިޕީޖީ ނެރެލުމަށް ' އޮޕަރޭޝަން އޮލިވް ބްރާންޗް' ގެ ނަމުގައި ތުރުކީން އަސްކަރީ ކެމްޕޭނެއް ފެށީ އިއްޔެއެވެ.

ތުރުކީގެ މަތިންދާބޯޓުތަކުން އާފްރިންްއަށް ބޮން އަޅަން ފެށުމާއެކު މަރުވި ނުވަ މީހުންގެ ތެރެއިން ހަ މީހުންނަކީ އާއްމުން ކަމަށް ވައިޕީޖީން ބުންޏެވެ. ނަމަވެސް ތުރުކީން ބުނީ އެ އެންމެންނަކީ ވެސް ހަނގުރާމަވެރިން ކަަމަށެވެ.

ތުރުކީގެ ވައިގެ ސިފައިިން އާފްރިންއަށް ބޮން އަޅަން ފެށުމާ އެކު ތުރުކީން މަދަދުދޭ ފްރީ ސީރިއަން އާމީ ( އެފްއެސްއޭ) ގެ ހަނގުރާމަވެރިން މިހާރު ވަނީ އެރަށަށް ވަންނަން މަސައްކަތް ފަށާފައެވެ. އެފްއެސްއޭގެ އިތުރުން ތުރުކީގެ ބިމުގެ ލަޝްކަރުތައް ވެސް އެރަރަށް ދާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ބިނާލޯ ޔިލްޑްރިމް ވަނީ ވިދާޅުވެފައެވެ.

ވައިޕީޖީއާ ދެކޮޅަށް ތުރުކީން ހަމަލާދޭން އުޅެން ފެށުމުން އެމެރިކާއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. ރަޝިޔާއިން ވެސް ބުނީ އެކަމާ ކަންބޮޑުވާ ކަމަށާއި އެހެން ނަމަވެސް އެކަމާ އަޅައި ނުލާނެ ކަމަށެވެ. ތުރުކީން ތުހުމަތުކުރާ ގޮތުގައި ވައިޕީޖީއަކީ ތުރުކީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ކުރުދިސްތާން ވޯކާސް ޕާޓީ( ޕީކޭކޭ)އާ ގުޅިފައިވާ ޖަމާއަތެއް ކަމަށެވެ. ތުރުކީއާއި ސޫރިޔާ ގުޅޭ ސަރަހައްދީ ރޮނގުގެ ކޮންޓްރޯލް އެމީހުންނަށް ލިބުމަކީ އެގައުމުގެ ސިޔާދަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ސޫރިޔާގައި ހިނގަމުންދާ ހަ އަހަރަށް ވުރެ ދިގުލީ ހަނގުރާމަ އަކީ ދާހިލީ ހަނގުރާމައެއް ކަމަށް ދުނިޔެއިން ސިފަ ކުރިޔަސް އެ ހަނގުރާމައިގައި އެމެރިކާ، ރަޝިޔާ، އީރާން، ތުރުކީ އަދި ބައެއް އަރަބިގައުމުތަކުން ވެސް ބައިވެރިވެއެވެ. އެހަނގުރާމައިގައި ހަލައްކައެއްހާ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އެހަނގުރާމައިގެ ސަބަބުން އެތައް މިލިޔަން މީހުންނެއް ވަނީ ރެފިއުޖީންނަށް ވެފައެވެ.