ދުނިޔެ

ލަންކާ ފުލުހުން މީހެއްގެ ގަޔަށް ބަޑިޖަހައި މަރައިލި މައްސަލައެއް ހޫނުވެއްޖެ

އަވަށްޓެރި ސްރީލަންކާގެ ކަޓަރަގަމާ ނަމަކަށް ކިޔާ ރަށުގައި އެގައުމުގެ ފުލުހަކު ދިން ބަޑީގެ ހަަމަލާއެއްގައި އާއްމުންގެ މީހަކު މަރުވުމުން އެރަށުގެ މީހުން މުޒާހަރާކުރަން ފަށައިފިއެވެ.


ލަންކާ ފުލުހުންްނާ ހަވާލާދީ ހިރުނިއުސް ބުނީ ސައިކަލެއްގައި ދިޔަ މީހެއްގެ ގަޔަށް ފުލުހަކު ބަޑިޖެހީ މަޑުކުރަން ކުރި އަމުރަށް ތަބާ ނުވެ ދިއުމުން ކަމަށެވެ. ރޭ 11 ޖަހާކަށް ހާއިރު ހިނގި އެހާދިސާގައި ސައިކަލު ދުއްވަން އިން މީހާ މަރުވީ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދޭން ފެށި ފަހުންނެވެ. މަރުވީ އުމުރުން 44 އަހަރުގެ ފިރިހެނެކެވެ.

ބަޑިޖެހި ފުލުސް މީހާ މިހާރު ހުރީ ހައްޔަރުކޮށްފައެވެ. އަދި މިހިނގި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހާ ހަމަައަށް އޭނާ ބަންދުގައި ބަހައްޓަން ކަޓަރަގަމާ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހާދިސާ އާ ގުޅިގެން އެރަށު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ފުލުހުންނާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން ހިންގަން ފަށާގައެވެ. މުޒާހަރާ ކޮންޓްރޯލް ކުރަން ލަންކާ ފުލުހުން ކަރުނަގޭސް ބޭނުންކުރުމުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވި ނަމަވެސް މުޒާހަރާތައް ވަނީ އަލިން ފަށާފައެވެ. ނޫހުން ބުނީ މުޒާހަރާއަށް ނުކުތް މީހުން އެރަށުގެ ޕޮލިސް ސްޓޭޝަނަށް ގާވެސް އުކާފައިވާ ކަަމަށެވެެ.

ކަޓަރަގަމާ ކޮންޓްރޯލް ކުރަން ފުލުހުން ސިފައިންގެ އެހީއަށް އެދުމުން އެރަށުގެ މަގުތަކަށް މިހާރު ވަނީ ސިފައިންް ވެސް ނުކުމެފައެވެ.