ދުނިޔެ

ފޮޓޯގްރާފަރެއްގެ މޫނުގައި ޖެހުމުން ސައޫދީ ރަސްގެފާނުގެ އެހީތެރިޔަކު މަގާމުން ވަކިކޮށްފި

May 6, 2015

ސައޫދީ ރަސްގެފާނުގެ ޝާހީ ޕްރޮޓޮކޯލްގެ ވެރިޔާ ފޮޓޯ ޖާނަލިސްޓެއްގެ މޫނުމަތީގައި ޖަހާތަން ފެންނަ ވީޑިއޯއެއް އާންމުވުމާ އެކު އޭނާ މަގާމުން ވަކިކޮށްފި އެވެ.

މުހައްމަދު އައް ތުބައީޝީ މަގާމުން ވަކިކުރީ ނޫސްވެރިޔާ އަށް ހަމަލާދިނުމުން ކަމަކަށް، އޭނާ މަގާމުން ވަކިކޮށް އިއްޔެ އާންމުކުރި ގަރާރުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ސައޫދީ ރަސްގެފާނު ސަލްމާން އާދީއްތަ ދުވަހު ރިޔާޟްގެ އެއާޕޯޓްގައި މޮރޮކޯގެ ރަސްގެފާނު މުހައްމަދާ ބައްދަލުކުރައްވަނިކޮށް ފޮޓޯ ނަގަން އުޅުުނު ނޫސްވެރިޔާގެ މޫނުމަތީގައި ތުބައީޝީ ޖެހިގެން ވީޑިއޯ އަށް ވަނީ އަރައިފަ އެވެ. އެއާ އެކު އެތައް ބަޔަކު ވަނީ އޭނާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.

ރަސްގެފާނުގެ ނިންމެވުމަށް ސައޫދީގެ ނޫސްވެެރިންނާއި އާންމުން ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވާއިރު އެއްބަޔަކު ބުނަމުން ދަނީ ރަސްގެފާނު ގެންދަަވަނީ ފިޔަވަޅު އެޅުއްވުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާކަން ކަށަވަރުކޮށްދެއްވަމުން ކަމަށެވެ. އެގޮތުން ރިޔާޟްގެ ހޮސްޕިޓަލުގެ ހާލަތާ މެދު ސުވާލުުކުރި އާންމުންގެ މީހަކާ ހެލްތު މިނިސްޓަރު ޒުވާބުކުރި މައްސަލައެއްގައި މިނިސްޓަރު ވަނީ ބަދަލުކޮށްފަ އެވެ. އަދި ޝާހީ އާއިލާގެ ބޭފުޅަކު ނަސްލީ ގޮތުން ތަފާތުކޮށް ވާހަކަ ދެއްކި މައްސަލައެއްގައި އޭނާ އަށް ކުޅިވަރުގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭ ގޮތް ވަނީ ހަދައިފަ އެވެ. --ބީބީސީ