ވިޔަފާރި

އޯޓީއެމްގައި އެންމެ ރީތި ސްޓޭންޑްގެ އެވޯޑް ރާއްޖެއަށް

އިންޑިޔާގައި ކުރިއަށް ދިޔަ ވަންވޯލްޓް ޓްރެވަލް މާކެޓެއް (އޯޓީއެމް) ގައި ބެހެއްޓި ރާއްޖޭގެ ސްޓޯލަށް ވަނައެއް ލިބިއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އިސްނެގުމުގެ ދަށުން، ރާއްޖޭން ބައިވެރިވި ކުންފުނިތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ސްޓޭންޑަށް ލިބިފައިވަނީ "ބެސްޓް ޑެސްޓިނޭޝަން ސްޓޭންޑް" އެވޯޑެވެ.

އޯޓީއެމްގައި މިދިޔަ އަހަރު 60 ގައުމަކުން 1300 އެގްޒިބިޓަރުން ބައިވެރިވެފައިވެ އެވެ. އަދި މި ފެއާގައި މިދިޔަ އަހަރު ވެސް 14،000 މީހުން ޒިޔާރަތް ކުރިއިރު، މީގެތެރޭގައި 445 ޓްރެވަލް ކުންފުނި ހިމެނެ އެވެ. އަދި މި އަހަރުވެސް މި އަދަދަކަށް ކުންފުނިތައް ވަނީ ބައިވެރިވެފަ އެވެ.

ނޫކުލަ އާއި ހުދު ކުލަ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ދިވެހި ސްޓޭންޑަށް ވަންނަން އަންނައިރު، ދިވެހި ބަހުން "ދިވެހިރާއްޖެ" ލިޔެފައި ހުރެ އެވެ. މި ސްޓޭންޑަށް ވަނައެއް ލިބުނުއިރު މީގެ ކުރިންވެސް ރާއްޖޭގެ ސްޓޯލަށް ތަފާތު ވަނަތައް ވަނީ ލިބިފަ އެވެ.

އިންޑިޔާގެ މުންބާއީ އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ، ފެއާގައި ރާއްޖޭގެ 15 ކުންފުންޏަކުން 22 މީހުން ބައިވެރިވެ އެވެ.

އިންޑިޔާއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ އުންމީދީ އެއް މާކެޓެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީން ނޮވެމްބަރު މަހުގެ ނިޔަލަށް 70،372 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އެ ގައުމުން އައި މީހުންނާ އަޅާ ބަލާއިރު 22.9 ޕަސެންޓް އިތުރު އަދަދެކެވެ.