ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި ކަނޑު މަހުގެ އަގު ބޮޑުތަނުން ދަށަށް!

ދުނިޔޭގެ ބާޒާރުގައި ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީން މިދިޔަ މަހުގެ 30 ވަނަ ދުވަހު އާއްމުކޮށްފައިވާ ދުނިޔެ އާއި ރާއްޖޭގެ ބާޒާރުގައި މަހުގެ އަގުތަކަށް އައިސްފައިވާ ބަދަލުގައިވާ ގޮތުން މި އަހަރު ފެށުނުއިރު ތައިލެންޑުގެ ބާޒާރުގައި މަސް ޓަނެއްގެ އަގު ގާތްގަނޑަކަށް 17،000ރ. ހުރި ނަމަވެސް މިހާރު  ޓަނެއްގެ އަގު ވަނީ 15،728ރ. އަށް ވެއްޓިފަ އެވެ.

ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ސްޕެއިންގެ ބާޒާރުގައި ފިނިކުރި ރީދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު ހުރީ 118ރ. އަށެވެ. އަދި ޖަޕާނުގެ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި ލޯބޮޑު ކަންނެލި ކިލޯއެއްގެ އަގު ހުރީ 217ރ. އަށެވެ.

މިދިޔަ ހަފުތާގައި މަސް ކުންފުނިތަކަށް މަސް ކިރުވި އަދަދަށް ބަލާއިރު، ދޮށީގެ މަސްވެރިކަމުން 161،835 ކިލޯގެ ކަޅުބިލަ މަސް ކިރުވާފައިވެ އެވެ. އަދި އަތު ނަނުން ބާނައިގެން ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި 392،036 ކިލޯގެ މަސް ކިރުވާފައިވެ އެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ދިޔަ ނަމަވެސް މަސް ކުންފުނިތަކަށް ކިރުވާ މަހުގެ އަގަށް ކުންފުނިތަކުން ބަދަލު ގެނެސްފައެއް ނުވެ އެވެ. މިހާރު ވެސް ފިނިކުރި މަސް ކިލޯއެއްގެ އަގު ހުރީ 19ރ. އަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއް ގަންނަނީ 17ރ. އަށެވެ.