ދުނިޔެ

ދިއްލީގެ އަލިނަރު ގުދަނެއްގައި ރޯވެ 17 މީހުން މަރުވެއްޖެ

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ރަށްބޭރުގައިވާ ސިނާއީ ސަރަހައްދެއްގައި ހުރި އަލިނަރު އުފައްދާ ކާރުހާނާއެއްގެ ގުދަނުގައި ރޯވެ 17 މީހުން މަރުވެއްޖެއެވެ.

ދިއްލީ ފަަޔާ ސާވިސްއާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުނީ ' ބަވާނާ' ނަމަކަށް ކިޔާ ސިނާއީ ސަރަހައްދުގައިވާ ފެކްޓްރީގެ ގުދަނުގައި ރޯވި އަލިފާން ފަހުން މުޅި ފެކްޓްރީއަށް ފެތުރުނު ކަމަށެވެ. އަދި ބުނީ އެހާދިސާގައި މަރުވިމީހުންގެ އިތުރުން ދެމީހަކަށް އަނިޔާވި ކަމަށެވެ. އަނިޔާވި މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.

ހާދިސާގައި މަރުވީ 10 އަންހެނުހންްނާއި ހަތް ފިރިހެނުންނެވެ.

ދިއްލީ ފަޔާ ސާވިސްގެ ޑިރެކްޓަރު ޖީސީ މިޝްރާ ނޫހަށް ވިދާޅުވެފައި ވަނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު އެ ސާވިސްއަށް ލިބުނީ އިއްޔެ ހަވީރު 6.20 އެހާ އިރު ކަމަށެވެ. އަލިފާން މުޅިން ނިއްވައިލެވުނީ ރޭ 9.20 އެހާކަށް ހާއިރު ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ދިއްލީ ފުލުހުން ވަނީ ފެކްޓްރީގެ ވެރިން ހައްޔަރުކޮށް، ހާދިސާގެ ތަހުގީގެއް ފަށާފައެވެ.

ހާދިސާގައި މަރުވިމީހުންގެ އާއިލާތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ދިއްލީގެ ޗީފް މިނިސްޓަރު އަރުޖުން ކެޖުރުވާލް ވަނީ ހާދިސާގައި މަރުމީހުންގެ ވާރިސުންނަށް ފަސް ލައްކަ ރުޕީސް އަދި ޒަހަމްވީ މީހުންގެ އާއިލާއަށް އެއް ލައްކަ ރުޕީސް ދެއްވަން ވައުދުވެވަޑައިގެންފައެވެ.

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝްގައި ކޮންމެ އަހަރަކު އަލިފާނުގެ ނުރައްކާތެރިި ގިނަ ހާދިސާތަކެއް ހިނގައެވެ.