ވިޔަފާރި

ސޯމިލް ބިން ހުސްކޮށް، އިމާރާތްތައް ބަދަލު ކުރަނީ

އެމްޓީސީސީ ސޯމިލް ހުރި ބިން ހުސްކޮށް، އިމާރާތްތައް ބަދަލު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިބްރާހިމް ޒިއަތު ވިދާޅުވީ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މިހާރު ހަދަމުން އަންނަނީ ސޯމިލް ބިމުގައި ހުރި އިމާރާތްތައް ބަދަލު ކުރާ އިމާރާތެއް ކަމަށެވެ.

"ފެރީޓާމިނަލް ސަރަހައްދުގައި ހުރި ޕްރީފެބް އިމާރާތް ނިމި މަހެއްހާ ދުވަހުން ބަދަލު ކުރެވޭނެ ކަމަށް މި ބަލަނީ،" ޒިއަތު ވިދާޅުވި އެވެ.

އެމްޓީސީސީ ސޯމިލް ހުރި ބިމުގައި އެ ކުންފުނީގެ ބައެއް މުވައްޒަފުންގެ އެކޮމޮޑޭޝަން ވެސް ހަމަޖައްސައި ދެމުންގެންދެ އެވެ. މީގެ އިތުރުން "އެމްޓީސީސީ ކަށަވަރު" ޝޯރޫމް ވެސް ހުންނަނީ އެ ބިމުގަ އެވެ.

ޒިއަތު އިތުރަށް ވިދާޅުވީ މި މަޝްރޫއާއެކު، އެކީގައި ހުޅުމާލެ ފެރީޓާމިނަލްގެ ޖާގަ ބޮޑު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ހުޅުމާލެ ފެރީ ޓާމިނަލް ބޮޑު ކުރުމުގެ ގޮތުން އެމްޓީސީސީން ވަނީ ފެރީޓާމިނަލްއާ އިންވެގެން ދަގަނޑު ހޮޅިން ތަނބު ތަކެއް ދަނީ ހަދަމުންނެވެ.

ސޯމިލް ހުރި ބިން ހުސްކޮށް، ސަރުކާރާ ހަވާލު ކުރަން ނިންމި ނަމަވެސް، އެތަނުގައި ކުރާ މަސައްކަތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ ތަން ހުސްކުރާ ސަބަބެއް އެމްޓީސީސީ އަކަށް ވެސް ނޭނގެ އެވެ.

ސަރުކާރުން ދަނީ މާލޭގެ ހުސްކޮށް ހުރި ބިންތަކުގައި ބައެއް އިންވެސްޓްމަންޓްތަކަށް ދޫކުރަމުންނެވެ. މިގޮތުން ވެސްޓްޕާކް ހުރި ސަރަހައްދުގައި ބޮޑު ހޮޓަލެއް އަޅަން ދުބާއީ ބަޔަކަށް ހަވާލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.