ހަބަރު

ފިޔަވަޅު އެޅީ 23 މިލިއަން ޑޮލަރު ނުދައްކާ އޮތުމުން: މީރާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ދަށުން ހިންގާ ހަތަރު ރިސޯޓާމެދު ފިޔަވަޅު އަޅާފައިވަނީ އެ ރިސޯޓުތަކުން ދައުކަތަށް ދައްކަން ޖެހޭ 23 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކާފައިނުވާތީ ކަމަށް މީރާއިން މިއަދު ބުނެފި އެވެ.

މިރާއިން މިހެން ބުނީ ގާސިމްގެ ރިސޯޓްތަކުގެ ރާފުޅިތައް ނަގައިގެން، އެ ރިސޯޓްތައް ބަލާ ފާސްކުރުމަށް މިހާރު ހިންގަމުންދާ އޮޕަރޭޝަންގައި މީރާއިން ބައިވެރިވާ ކަމަށާއި ވިލާ ކުންފުންޏަށް ގެއްލުންދިނުމަށް މީރާއިން މަސައްކަތް ކުރާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވުމުން އެކަމުގެ ހަގީގަތް ހާމަކުރުމަށް މީރާއިން މިއަދު ނެރުނު ނޫސް ބަޔާނުގަ އެވެ.

އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުންޏަކީ ދައުލަތަށް ރިސޯޓް ކުލީގެ ގޮތުގައި ދައްކަންޖެހޭ 18.9 މިލިއަން ޑޮލަރު ދައްކާފައިނުވުމުގެ ސަބަބުން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އަޅާފައިވާ ކުންފުންޏެއް ކަމަށެވެ. މީގެއިތުރުން އެ ކުންފުނިން ހިންގާ، ސަން އައިލެންޑް، ފަން އައިލެންޑް، ޕެރަޑައިޒް އައިލެންޑް އަދި ހޮލިޑޭ އައިލެންޑުން ޓީޖީއެސްޓީ އަދި ގްރީން ޓެކްސް މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މިއަދާ ހަމައަށް އެއްގޮތަކަށް ވެސް ދައްކާފައިނުވާ ކަމަށް މީރާއިން ބުންޏެވެ. ޓީޖީއެސްޓީ އާއި ގްރީން ޓެކްހުގެ ގޮތުގައި 5.1 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރާއްޖެއަށް އެތެރެކުރާ މުދާ އެތެރެކުރުމުގެ ހުއްދަ ދިނުމާއި އެތަކެތި ބޭނުންކުރުމާބެހޭ ގަވައިދުތައް ތަންފީޒުކުރުމަކީ މީރާގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. ވިލާގެ ރިސޯޓުތަކަށް އަރައި ކަސްޓަމްސްއިން ހިންގާ އޮރަޕޭޝަނަކީ އެ އެތޯރިޓީގެ ގާނޫނުގެ ދަށުން ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށް ވެސް ބުންޏެވެ.

މިއަދު ކަސްޓަމްސްއިން ވަނީ އޮޕަރޭޝަނާ ގުޅޭ ގޮތުން ބަޔާނެއް ނެރެފަ އެވެ. ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވަނީ، ބޮންޑެޑް ވެއާހައުސްތަކުން ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ދޫކުރި ބަނގުރާ ގަވާއިދާ ހިލާފަށް ގެންގޮސްފައިވާ ރިސޯޓުތަކުން އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކާ ހިންގޭ އޮޕަރޭޝަނުގައި އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންނަމުންދަނީ ކޯޓު އަމުރު ތަންފީޒް ކުރުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބޭ ބާރުގެ ދަށުން ކަމަށެވެ.

ކަސްޓަމްސްއިން ބުނީ، ގާނޫނު ތަންފީޒް ކުރުމަށްޓަކާ ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތައް ވަކި ބައެއްގެ ސިޔާސީ މަގުސަދު ހާސިލް ކުރުމަށްޓަކާ، ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭގޮތަށް ދޮގު ހަބަރު ފަތުރައި، ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކުށެއް އެއީ ކުށެއް ނޫން ކަން އާންމު ރައްޔިތުންނަށް ވިސްނައި ދިނުމަށްޓަކާ ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ވިލާ ކުންފުނީގެ ރިސޯޓްތައް ބަލާ ފާސްކޮށްފައިވާއިރު ރޭ ވަނީ ފަން އައިލެންޑް ރިސޯޓްގައި ހުރި ރާފުޅިތައް ކަސްޓަމްސްއިން ގެންގޮސްފަ އެވެ. އަދި މިއަދު ރޯޔަލް އައިލެންޑްގެ ބަނގުރަލުގެ ލައިސެންސް ހިފަހައްޓާފަ އެވެ.