ހަބަރު

އަނބިމީހާ އާއި ރޭޕާ ގުޅޭ ޖަވާބާހެދި ހޫނުވެއްޖެ

އަނބިމީހާގެ ނުރުހުމުގައި ޖިންސީ ގުޅުން ހިންގުން އެއީ ރޭޕަށް ނުވާނެ ކަމަށް ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފު ވިދާޅުވުމުން ހޫނުވެއްޖެ އެވެ. އިޔާޒު މިހެން ވިދާޅުވެފައިވަނީ އޭނާ ދީނީ ސުވާލުތަކަށް ޖަވާބު ދެއްވާ ވައިބާ ގްރޫޕްގައި މީހަކު އެހި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

"އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕް" ގައި މީހަކު އަހާފައިވަނީ، ފިރިމީހާ، އަނބިމީހާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގައިގެން އެ ރޭޕަށް ވާނެތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި އިޔާޒު ވިދާޅުވެފައިވަނީ އެކަން ރޭޕަށް ނުވާނެ ކަމަށެވެ.

އިޔާޒުގެ އެ ޖަވާބާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާ ގިނަ ބަޔަކު މިކަމާ ވަނީ ރުޅިގަދަވެފަ އެވެ.

"މިކަހަލަ ޖަވާބެއް ޝޭހެއްގެ ފަރާތުން އައުމުން ފެނިގެން ދަނީ އަންހެނުންނަށް އިހްތިރާމް ނުކުރާ ކަމާއި އަންހެނުންގެ ހައްގުތަކަށް ސަމާލުކަން ނުދޭކަން،" ނުރުހުން ފާޅުކުރި މީހަކު ބުންޏެވެ. އިތުރު މީހަކު ބުނެފައިވަނީ، "ކައިވެނިކޮށްގެން އުޅޭ އަނބިމީހާއަކީ ފިރިމީހާގެ މުދަލެއް ނޫން،" ކަމަށެވެ.

އިޔާޒުގެ ވާހަކަތައް ޖެންޑާ މިނިސްޓްރީންނާއި ޔޫއެންޑީޕީއިން ބެލުމަށް ވެސް ބައެއް މީހުން ގޮވާލާފައިވެ އެވެ. އެފަދަ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި ތަހުޒީބު މުޖުތަމައުއަކަށް ފެތޭ ވާހަކަތަކެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ. އަދި އޭގެ ސަބަބުން ބައެއް މީހުންނަށް ނުބައި ހިތްވަރެއް ލިބިގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޝިފާގު މުފީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ޝޭހެއްކަމުގަ ވިޔަސް، އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ނުވާ ގޮތުގެ މަތިން ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުތަކާ ހިލާފަށް، މުޖުތަމައުގެ ހަމަޖެހުމާއި އާއިލީ ވެށި ހަލާކުކޮށް އަނިޔާގެ ޝިކާރައަކަށް މީހުން ހުށަހެޅިގެން ދާކަހަލަ ފަތުވާ އެއް ނުދެވޭނެ ކަމަށެވެ.

އިޔާޒުގެ ޖަވާބަކީ ގާނޫނާ ވެސް ކޮންމެވެސް ވަރަކަށް ފުށުއަރާ ކަމެއްކަން ފާހަގަ ކުރުމަށް ޝިފާގު ވަނީ ގާނޫނުގެ ބައެއް ޓްވީޓް ވެސް ކުރައްވާފަ އެވެ. ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން ހަތަރު ހާލެއްގައި އަނބިމީހާގެ ނުރުހުމުގައި ގުޅުން ހިންގައިފިނަމަ އެއީ ރޭޕްކުރުން ކަމުގެ ބެލޭނެ އެވެ. ނަމަވެސް އެއީ އަނބިމީހާއާއެކު އޮތް ގުޅުމަށް ބުރޫ އަރާފައިވާ ހާލަތްތަކެކެވެ. އެ ހާލަތްތަކަކީ، ދެމީހުންގެ މެދުގައި އޮތް ކާވެނި، ޝަރީއަތް މެދުވެރިކޮށް ރޫޅާލުމުގެ ނުވަތަ ތަފްރީގް ކުރުމުގެ މަރުހަލާއެއް ޝަރީއަތުގައި ހިނގަމުންދިޔުމާއި، އެ މައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުމާއި އަނބިމީހާ ވަރިކުރުމަށް އެދި ފިރިމީހާ، ނުވަތަ ފިރިމީހާގެ ކިބައިން ވަރިވުމަށް އެދި އަނބިމީހާ ހުށަހަޅާފައިވާ މައްސަލައެއް ޝަރީއަތުގައި ހިނގަމުންދިޔުމެވެ.

އޭގެ އިތުރުން ގައިންގަޔަށް އަރާ ނުރައްކާތެރި ޖިންސީ ބައްޔެއް ފިރިމީހާ ގައި ހުރިކަން އެނގިހުރެ، އަނބިމީހާއަށް އެ ބަލި ވާސިލު ކުރުމުގެ ބޭނުމުގައި، އޭނާއާ ޖިމާއުވުމާއި ދެމަފިރިން ވަރިނުވި ކަމުގައި ވީނަމަވެސް، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން، މަސްލަހަތަށްޓަކައި ވަކިން ދިރިއުޅެމުންދާ ދެމީހުން ކަމުގައިވާ ހާލަތުގައި އަނބިމީހާ ނުރުހުމުގައި ގުޅުން ހިންގައިފިނަމަ އެ ރޭޕަށްވާނެ އެވެ.

މި މާއްދާގެ ދަށުން މީހަކަށް ދައުވާ ވެސް މިހާރު ކޮށްފައިވެ އެވެ. އެގޮތުން ދައުވާ ކޮށްފައިވަނީ، ލިބުނު ޖިންސީ އަނިޔާތަކަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ ފިރިމީހާ ގދ. ތިނަދޫ ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ އަނބިމީހާ ރޭޕްކުރުމުގެ ދައުވާ އެވެ.

ފާޑުކިޔުންތަކާ ގުޅިގެން އަވަސްއިން އިޔާޒަށް ގުޅުމުން ވިދާޅުވީ، އަނބިފިރިކަމުގެ ގުޅުމަކީ ވަރަށް މުގައްދަސް ގުޅުމެއް ކަމަށާއި ފިރިމީހާ އެދެފިނަމަ އަނބިމީހާ އެދުން ފުއްދައިދޭންޖެހޭނެ ކަމަށެވެ. ހަމަ އެގޮތަށް އަނބިމީހާ އެދެފިނަމަ ފިރިމީހާ ވެސް އެދުން ފުއްދައިދޭން ޖެހޭނެ ކަމަށެވެ. އަންހެނުންގެ ވާހަކަ އެކަމުގައި ބޮޑަށް ދެކެވެނީ އެފަދަ ކަންކަމުގައި އާންމުކޮށް އިންކާރު ކުރަނީ އަންހެނުންނަށް ވާތީ ކަމަށާއި ނަމަވެސް ފިރިންނަށް ވެސް އެއީ އޮތް ކަމެއް ކަމަށް އިޔާޒު ވިދާޅުވި އެވެ.

އިޔާޒު ވިދާޅުވީ، ފިރިމީހާ އެދުމަށް އިޖާބަ ނުދޭ އަނބިންނަށް ލައުނަތް ލެއްވުމަށް މަލާއިކަތުން ދުއާ ކުރައްވާނެ ކަމަށް ހަދީސެއްގައި ވާރިދުވެފައިވާ ކަމަށާއި ހަމަ އެ އަދަބު ފިރިހެނުންނަށް ވެސް އަނބިންގެ އެދުމަށް އިޖާބަ ނުދޭނަމަ އޮންނާނެ ކަމަށެވެ. މީގެއިތުރުން އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި އަނބިން ފިރިންނަށް ކިޔަމަންވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ހަދީސް ވެސް އިޔާޒު ފާހަގަކުރެއްވި އެވެ.

ދެމަފިރިންނަކީ ވަރަށް ލޯބިން އުޅޭ ޖެހޭ ބަޔަކަށްވާއިރު، ގުޅުން ހިންގުމަކީ ރުޅިވެރިކަމާއެކު ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެއީ ވަރަށް ލޯބިން ކުރަންޖެހޭ ކަމެއް ކަމަށެވެ. އިޔާޒު އިތުރަށް ވިދާޅުވީ، އަނބިމީހާގެ ނުރުހުމުގައި ވެސް ގުޅުން ހިންގިދާނެ ކަމަށް ވިދާޅުވި ނަމަވެސް އެއީ އަނިޔާ ކޮށްގެން އެކަން ކުރުން ނޫން ކަމަށެވެ. އަނިޔާކޮށްގެން އެކަން ކޮށްގެން ނުވާނެ ކަމަށެވެ.

އެހެންނަމަވެސް ދެމަފިރިއަކު ގުޅުން ހިންގުން އެއީ ރޭޕްގެ ގޮތުގައި ސިފައެއް ނުކުރެވޭނެ ކަމަށް އިޔާޒު ވިދާޅުވި އެވެ. ރޭޕަކީ އަންހެނެއްގެ ނުރުހުމުގައި އޭނާގެ އިފަތް ނަގާލުން ކަމަށާއި އަނބިމީހާއާއެކު ގުޅުން ހިންގުމަކީ އިފަތް ނަގާލުން ނޫން ކަމަށެވެ.

ސުވާލުގެ ޖަވާބަށް ހަމައެކަނި "ނުވާނެ" ކަމަށް ވިދާޅުވި ސަބަބު ވެސް އިޔާޒު ތަފްސީލްކޮށް ދެއްވި އެވެ. އިޔާޒު ވިދާޅުވީ، އެ މައުލޫއަކީ ޖިންސީ ކުށުގެ ގާނޫނު ފާސްކުރަން އުޅުނުއިރު ވަރަށް ބޮޑަށް ބަހުސް ކުރެވި ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިފައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް މިހާރު އެ ޖަވާބާ ގުޅިގެން، ހޫނުވެފައިވާތީ ޖަވާބު އެއަށްވުރެ ތަފްސީލްކޮށް ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން އިޔާޒު ދެއްވި ބައެއް ޖަވާބުތަކާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. ހާއްސަކޮށް އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާ މީހުންގެ ފާޑުކިޔުންތައް އަމާޒުވާ މިންވަރު ގިނަ އެވެ.