ވިޔަފާރި

މަޓާޓޯގެ ލީޑިން ގެސްޓް ހައުސް އެވޯޑު މާފުށީ އެރީނާ ބީޗަށް

May 6, 2015

ދުބާއީގައި ރޭ ބޭއްވި މަޓާޓޯ ޓްރެވަލް އެވޯޑުގެ "ސްޕެޝަލް އެޑިޝަން" ގައި އެރީނާ ބީޗް ގެސްޓް ހައުސްއަށް ލީޑިން ގެސްޓް ހައުސްގެ އެވޯޑު ލިބުނުއިރު، ލީޑިން ޕްރައިވެޓް އައިލެންޑު ރިސޯޓުގެ އެވޯޑު ލިބުނީ ކޮކޯ ޕްރައިވެޓް ކުޑަ ހިތި ރިސޯޓަށެވެ. އަދި މީޓިންތަކާއި ޖަލްސާތައް ބޭއްވުމަށް އެންމެ ފުރިހަމަ ރިސޯޓަކަށް ދޭ "ލީޑިން މީޑިން އެންޑް ކޮންފަރެންސް" ރިސޯޓުގެ އެވޯޑު ލިބުނީ ބަނޑޮސް އައިލެންޑް ރިސޯޓަށެވެ.

މަޓާޓޯ ޓްރެވަލް އެވޯޑުގެ އޮފިޝަލް އޮންލައިން މީޑިޔާ ޕާޓްނަރު "ސަން އޮންލައިނުން" ދުބާއީގެ ދުސިތު ތާނީ ހޮޓަލުން ވަގުތުން ގެނެސްދިން މި އިވެންޓުގައި ލީޑިން އިކޯ ކެއާ ރިސޯޓަކަށް ހޮވުނީ މި އެވޯޑު 2013 ވަނަ އަހަރު ވެސް ހޯދި ސޮނޭވާ ފުށި ރިސޯޓަށެވެ. އަދި ލީޑިން އިންޓަނޭޝަނަލް އެއާލައިންނަކަށް ހޮވުނީ ސްރީލަންކާ އެއާލައިނެވެ. މީގެ އިތުރުން ލީޑިން ލޯކޮސްޓް ކެރިޔާ އެވޯޑު ފްލައި ދުބާއީއަށް ލިބުނުއިރު، އެންމެ ފުރިހަމަ ހިއުމަން ރިސޯސް މެނޭޖުމަންޓެއް އޮންނަ ރިސޯޓަކަށް ހޮވުނީ ވިލޯ ގްރޫޕުގެ ސަން އައިލެންޑް ރިސޯޓަށެވެ. އަދި ސޯލާ ބައްތިތަކެއް ބޭނުންކޮށްގެން ދިއްލައިގެން އޮޕަރޭޓް ކުރަމުން ގެންދާ ކ. ގަސްފިނޮޅު ރިސޯޓަށް ވެސް ހާއްސަ އެވޯޑެއް ދީފައިވެ އެވެ.

މީގެ އިތުރުން ޓޫރިޒަމް ދާއިރާއަށް ދެމުން ގެންދާ ފުރިހަމަ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްއަށް "ސްޕެޝަލް ރިކޮގްނިޝަން" އެވޯޑެއް ދީފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބާއްވަމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ މަޓާޓޯ ޓްރެވަލް އެވޯޑު ސްޕެޝަލް އެޑިޝަންގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. މި އެވޯޑު ދިނުމުގެ ރަސްމީ ބައި ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކޮކޯ ބޮޑުހިތި ރިސޯޓުގަ އެވެ.