ހަބަރު

ކޮންމެ ހާލެއްގައި ވެސް އިންތިހާބު ބޮއިކޮޓެއް ނުކުރާނަން: ނަޝީދު

ސަރުކާރުން ކިތަންމެ ދަތިކުރިއަސް އަދި ކިތަންމެ ދަތި އުނދަގޫ ހާލެއް ޖެއްސިޔަސް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އިދިކޮޅު އިއްތިހާދުން ބޮއިކޮޓް ނުކުރާނެ ކަމަށާއި އެ އިންތިހާބުގައި ބައިވެރިވެ އިންތިހާބު ކާމިޔާބު ކުރުމުގެ އަޒުމުގައި އިދިކޮޅު ހުރިހާ ލީޑަރުން ތިބި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދުވަސްގަނޑަކަށް ފަހު ރައީސް ނަޝީދު މިއަދު ކޮލަމްބޯގައި ބައިނަލްއަގުވާމީ މީޑިއާޔާ ބައްދަލުކުރައްވާ ވިދާޅުވީ، ކޮންމެ ގޮތެއް ވިޔަސް ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ފަސޭހަފުޅު ވިޔަކަ ނުދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އެމަނިކުފާނަށް ފުރުސަތު ދޭން ޔޫއެން އިން އަންގާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"... އަޅުގަނޑަށް ވާދަ ކުރެވެންޏާ ވާދަ ކުރާނަން. އެކަމަކު ޔޫއެންގެ ރޫލިއަންއަކަށް އަމަލުކުރައްވަން ރައީސް ޔާމީނު ދެކޮޅު ހައްދަވާނަމަ، އިންތިހާބު ވާނީ އިންސާފުވެރި ނޫން، އެންމެންގެ ބައިވެރިވުން ނެތް އަދި ސައްހަނޫން އިންތިހާބަކަށް،" ނަޝީދުވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ވާދަ ނުކުރެއްވޭ ގޮތަށް ސައްހަ ނޫން އިންތިހާބެއް ބާއްވަވަން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު މަސައްކަތް ކުރެއްވި ނަމަވެސް އެ އިންތިހާބު ބޮއިކޮޓް ނުކުރައްވާނެ ކަމަށެވެ.

" ... ކުރީގެ ރައީސް މައުމޫނާއި، ގާސިމާއި ޝައިޚް އިމްރާނާއި އަޅުގަނޑުޑާ ދެމެދު ރަނގަގުޅުމެއް އެބަ އޮތް. އަދި އަޅުގަނޑުމެން ގިނަގިނައިން ވާހަކަ ދައްކަން. އަދި އަޅުގަނޑުމެން އެންމެން އެއްބަސް ވެގެން މިތިބީ މި އިންތިހާބު ބޮއިކޮޓް ނުކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ޑިމޮކްރަސީއާއި ގާނޫނީ ހުކޫމާތާއި ގާނޫނު އަސާސީގެ ބާރު ނަގަހައްޓަން ކުރާ މަސަައްކަތް އިދިކޮޅުން ހުއްޓައި ނުލާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ 1980 ގެ އަހަރުތަކުގައި އޮތް ހިސާބަށް ފަހަތަށް އަދި ނުދާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާަޓީތަކަށް ކޮންމެވެސް މިންވަރަކަަށް ހަރަކާތްތެރިވެވޭ ކަަމަށާއި ނޫސްވެރިކަމަށް ވެސް ކޮންމެވެސް ވަރެއްގެ ޖާގައެއް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

މިހާރު ލިބިފައި އޮތް ޖާގައިގެ ތެރޭގައި ހަރަކާތްތެރިވެގެން އިންްތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންތިހާބުތަކުން ވައްކަން ކުރެވޭނީ ގާތްގަނޑަކަށް 10 ނުވަތަ 15 ޕަސެންޓުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމެވެސް އިދިކޮޅަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"...އަޅުގަނޑުމެން މޮޅުވާން އެހެންވީމާ މޮޅުވާން މިޖެހެނީ 70 ، 80 ޕަސެންޓުން. އެ ޕަސެންޓް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން،" ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އެކަމުގައި އަދިވެސް މަޝްވަރާ ކުރަން ޖެހޭ ބައެއް ކަންތައްތައް ހުުރިކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން އިއްތިހާދަކުން ވެރިކަމަށް އަތުވެއްޖެ ނަމަ އެ އިއްތިހާދު ދަމަހަައްޓާނެ ގާނޫނީ ފަރުވާއެއް އޮނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" ... އަޅުގަނޑުމެން އެބަ މަޝްވަރާ ކުރަން އިއްތިހާދެއްގެ ސަރުކާރެއް ހިފެހެއްޓޭނެ ގޮތަކާ ގުޅޭ ގޮތުން ވެސް. އެހެންވީމާ އިރާދަކުރެއްވިއްޔާ މިފަހަރު އަޅުގަނޑުމެން ނުކުންނާނީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުގެ އިސްލާހާ ވެސް އެކުގައި،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިން ހެދި އިއްތިހާދުތައް ރޫޅިގެން ގޮސްފައި ވަނީ ގާނޫނީ ފަރުވާއެއް ނެތީމާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އިއްތިހާދަކަށް ވޯޓް ދިނީމާ ހޮވޭ ސަރުކާރެއް އިއްތިހާދު ރޫޅުމުން ނުރޫޅެންޏާ އެއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަަމަށެވެ.