ހަބަރު

އެމްއާރްޑީސީ އުވާލައި މަސައްކަތްތައް ޕަބްލިކް ވޯކްސްގެ ދަށަށް

  • މަތި މައްޗަށް ގެއްލުންވެ ކުންފުނި ވަނީ ނުހިންގިފައި
  • ކުންފުނީގެ މަޝްރޫއުތައް ހިންގާނީ ޕަބްލިކް ވޯކްސްއިން
  • ބުރާސްފަތި ދުވަހު ސަރުކާރުން ނިންމުން އާންމުކުރާނެ

ސަރުކާރުގެ ގިނަ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަމުންދާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އުވާލަން މަޝްވަރާކޮށް އެގޮތަށް އެ ނިންމުން ނިންމާފައިވާކަން "އަވަސް"އަށް ކަށަވަރު ވެއްޖެ އެވެ.

އިއްޔެ ބޭއްވި ޕޮލިސީ ލެވަލްގެ ބައްދަލުވުމެއްގައި އެމްއާރްޑީސީ އުވާލަން ނިންމާފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން އަވަސްއަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އެނގިފައިވާ ގޮތުގައި އެ ނިންމުން ނިންމަވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ލަފާގެ މަތިން އެވެ. އަންނަ ބުރާސްފަތި ދުވަހު އެ ނިންމުން ސަރުކާރުން އާންމު ކުރާނެ އެވެ. އަދި އެ ކުންފުނީގެ މަސައްކަތަކާއި މުވައްޒަފުން އަދި ކުންފުނީގެ ހަރުމުދާ ބަދަލު ކުރަނީ، ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަންގެ ދަށަށް ކަން ވަނީ އެނގިފަ އެވެ.

މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އަވަސްއިން ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކާ ގުޅުމުން ވިދާޅުވީ، އެކަމާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް އަދި ނެތް ކަމަށެވެ. އަދި އުވާލަން ނިންމީތޯ ސުވާލުކުރުމުން ވެސް އެ އޮފިޝަލް އެކަން ދޮގު ނުކުރައްވާ ވިދާޅުވީ، މިވަގުތު އަދި ތިކަމާ އެއްޗެއް ނުބުނެވޭނެ ކަމަށެވެ. އެމްއާރްޑީސީގެ އިސް ބޭފުޅެއްގެ ބަހެއް ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އެ މައުލޫމާތު އެނގޭ ބޭފުޅަކު އަވަސްއަށް ވިދާޅުވި ގޮތުގައި، އެމްއާރްޑީސީ އުވާލުމަށްފަހު އެ ކުންފުނީގެ މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ. އެކަމުގެ މަޝްވަރާތައް އިއްޔެ ބޭއްވި ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވި އެވެ. އެ ކުންފުނިން ކުއްލި ގޮތަކަށް އުވާލާ ސަބަބެއް ސާފެއް ނުވެ އެވެ. ބައެއް މަސްދަރުތަކުން ބުނީ އެގޮތަށް ނިންމަން ޖެހުނީ ކުންފުންޏަށް އަހަރުން އަހަރަށް ގެއްލުން ވަމުން އައިސް އިތުރަށް ބަޖެޓުން ހޭދަކޮށްގެން ކުންފުނި ގެއްލުމުގައި ހިންގެން ނެތިގެން އެވެ.

އެމްއާރްޑީސީ އުވާލުމުގެ ވާހަކަތައް ފެތުރިފައިވަނިކޮށް، އިމާރާތް ކުރުމާ ބެހޭ އާ ބޯޑެއް ހައުސިން މިނިސްޓްރީގައި ވަނީ އެކުލަވާލާފަ އެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ، ބޯޑު އެކުލަވައިލީ، އިމާރާތް ކުރުމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް އިމާރާތް ކުރުމުގެ ގާނޫނު ތަސްދީގު ކޮށްފައިވާތީ ކަމަށެވެ.

އެމްއާރްޑީސީ އުވާލަން ނިންމިއިރު ބޮޑެތި ގިނަ މަޝްރޫއުތަކެއް އެ ކުންފުނިން އެބަ ކުރިއަށް ގެންދެ އެވެ. އެގޮތުން ގިނަ ރަށްތަކެއްގެ މަގުގެ މަސައްކަތް ހިމެނެ އެވެ. އޭގެއިތުރުން މިހާރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ އެޕްރޯން އާއި ޓާމިނަލްގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާ އެވެ.

މީގެ އިތުރުން އެ ކުންފުނީގެ ތެރެއިން ބޮޑެތި ހިޔާނާތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އެ މައްސަލަތައް އޭސީސީ އިން ވަނީ ބަލައިފަ އެވެ.