ވިޔަފާރި

ރާއްޖެއިން ލިބޭ ކާނާގެ ފެންވަރާމެދު ޓޫރިސްޓުން ހިތްހަމައެއް ނުޖެހޭ: ދިރާސާ

Jan 22, 2018
10
  • ރަށްރަށުގައި ލިބޭ ކާނާގެ ފެންވަރު ދަށް
  • ރިސޯޓުތަކުގައި މި މައްސަލަ ދިމާވުން ކުޑަ
  • ކާނާގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ

ރާއްޖެ އިން ލިބޭ ކާތަކެތީގެ ފެންވަރާ މެދު ގިނަ ޓޫރިސްޓުންނަށް ހިތްހަމަ ނުޖެހޭ ކަމަށް ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކާ މެދު ކުރި ދިރާސާ އިން ދައްކައިފި އެވެ.

މި ދިރާސާކޮށްފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހަވާލުކޮށްގެން ސީޑީސީ ކޮންސަލްޓިން އިން އެވެ. މި ދިރާސާގައި ފާހަގަ ކުރެވުނު ކަންތައް މަޓީ އިން މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވަނީ ހުށަހަޅާފަ އެވެ.

މި ދިރާސާ އިން ދެއްކި ގޮތުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ބޮޑުބައެއް ދެކޭ ގޮތުގައި ރާއްޖޭން އެމީހުންނަށް ދޭ ކާނާގެ ފެންވަރު އެހެން ގައުމުތަކަށް ވުރެ ދަށެވެ. މިކަން ފާހަގަކޮށްފައިވަނީ ރިސޯޓުތަކަށް ވުރެ މީހުން އުޅޭ ރަށްތަކުގަ އެވެ. ހާއްސަކޮށް މި މައްސަލަ ނުކުންނަނީ ގެސްޓްހައުސް ވިޔަފާރި ފުޅާވެގެން ދިއުމާއެކު ރަށްރަށުގައި ދޭ ކާނާގެ ބާވަތްތަކުނެވެ.

ދިރާސާއިން ދެއްކި ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އާއި އިންޑިޔާ އަދި ޔޫރަޕުގެ ގިނަ ގައުމުތަކުން އަންނަ މީހުންގެ ކާނާގެ ބާވަތްތަކާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ދިރާސާގެ މައްޗަށް، ސީޑީސީގެ އޮފިޝަލަކު މަޓީ އޭޖީއެމްގައި ވިދާޅުވީ މިއީ ރާއްޖޭން މިހާރު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

"ރާއްޖޭން ބޭރަށް މީހުން ގޮސް ނުބުނާނެ މިއީ ރިސޯޓަކުން ނޫނީ ރަށަކުން ލިބުނު ކެއުމެކޭ. ބުނާނީ ދިވެހިރާއްޖެއޭ އެހެންވެ މިކަމަށް ވަރަށް ސަމާލުވާން ޖެހޭ. ރާއްޖެ މަތީ ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރާއިރު މި ކަމަށް ވިސްނަން ޖެހޭ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި މިދިޔަ އަހަރު ނިމުނުއިރު 135 ރިސޯޓަކާއި 455 ގެސްޓްހައުސް ހިންގަމުންދެ އެވެ. އަދި ރާއްޖޭގެ އެނދުގެ އަދަދު ވަނީ 41،255 އަށް އިތުރުވެފަ އެވެ.