ހަބަރު

ޕީޖީ އާއި ގާޒީ ބައްދަލެއް ވެސް ނުކުރޭ، ރާއްޖެ ޓީވީން ދޮގެއް ވެސް ނުހަދާ!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގި ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އަބްދުލް ބާރީ ޔޫސުފާއި ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން ކެފޭއެއްގެ ތެރޭގައި ބައްދަލުކުރެއްވި ކަމަށް ބުނެ ރާއްޖެ ޓީވީން ފޮނުވި ހަބަރުގެ މައްސަލަ ނިމުނު އިރު އެއްވެސް ބަޔަކު ގޯހެއް ހެދި ކަމަކަށް ނުވި އެވެ.

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލި ޝަރީއަތް ކުރިޔަށް ދިޔަ ދުވަސްވަރު ކެފޭއެއްގެ ތެރޭގައި މުހްތާޒާއި ބާރީ ބައްދަލުކުރައްވަން ތިއްބަވަނިކޮށް ރާއްޖެ ޓީވީގެ ނޫސްވެރިން އެތަނަށް ގޮސް ވީޑިއޯކުރި ކަމަށާއި އެކަމަކު ގޭންގެއްގެ ބަޔަކު ގޮސް ވީޑިއޯ ޑިލީޓްކޮށްލަން މަޖުބޫރު ކުރުވީ ކަމަށް ރާއްޖޭ ޓީވީން ބުނެފައިވެ އެވެ. ނަމަވެސް މުހްތާޒް ވިދާޅުވެފައި ވަނީ ބާރީއާ ބައްދަލު ނުކުރައްވާ ކަމަށާއި އެކަމަކު ކެފޭ އަށް ދިޔައިރު އެހެން މޭޒެއްގެ ދޮށުގައި ބާރީ ވެސް އިންނެވި ކަމަށެވެ. ބާރީއާ އެ ރޭ ކެފޭ ތެރެއިން ބައްދަލުކުރިކަން ސާބިތުކޮށްދީފި ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް މުހްތާޒް ވިދާޅުވެފައިވެ އެވެ.

ވީޑިއޯ ފޮހެލަން މަޖުބޫރި ކަމަށް ބުނާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައި ބުނެފައި ވަނީ އެރޭ ނެގި ވީޑިއޯ ފޮހެލުމަށް މަޖުބޫރުވާ ފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ހާލަތެއް ކަމަށް ކޮމިޝަނަށް ފެންނަ ކަމަށެވެ. އެހެންވެ އެފަދަ މަޖުބޫރީ ހާލަތްތައް ބްރޯޑްކާސްޓަރުންނަށާއި މީޑިއާތަކަށް މެދުވެރިނުވާނެ ފަދަ ގޮތަކަށް ހުރިހާ ފަރާތްތަކެއްގެ އަމަލުތައް ބެހެއްޓުމަށް ވެސް އިލްތިމާސް ކުރަން އެ ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން މައްސަލަ ނިންމީ އެވެ.

ޑިލީޓްކޮށްލަން މަޖުބޫރުކުރި ވީޑިއޯ އަކީ ގާޒީ އާއި ޕީޖީ ބައްދަލުކުރި ވީޑިއޯ ކަމެއް ނުވަތަ އެ ދެ ބޭފުޅުން ދެ މޭޒެއްގައި އިންނަވަނިކޮށް ވަކިވަކިން ނެގި ވީޑިއޯ ކަމެއް ނުވަތަ އެހެން ވީޑިއޯއެއް ކަމެއް ވެސް ކޮމިޝަނުން ހާމަކުރި މައުލޫމާތަކުން ނޭނގެ އެވެ.

ހާދިސާއާ ގުޅިގެން ޕީޖީ މުހްތާޒް ވެސް ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލަ ހުށަހެޅުއްވި އެވެ. އެއީ ބާރީއާ ބައްދަލުކުރެއްވި ކަމަށް ރާއްޖެ ޓީވީން ބުނެ ހަބަރު ފެތުރުމާ ގުޅިގެންނެވެ. އެކަމަކު ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު މިއަދު ބުނީ އާންމުކުރި ޝަކުވާން ނިންމި ގޮތުގެ ބަޔާނުގައި ވަނީ" އެ ޚަބަރުގައި ޝާމިލުވާ ދެ ފަރާތުގެ ބަސް ވެސް ގެނެސްދީފައިވާ ކަމަށް ފެންނާތީ، އެ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފު ކޮންޓެންޓެއްކަމަށް ބެލޭނޭ ޖާގައެއް ނެތް..." ކަމަށެވެ.

ރާއްޖެ ޓީވީން ދޮގު ހަބަރެއް ފެތުރި ކަމަށް ނުނިންމީ އެ ހަބަރަކީ ދޮގެއް ކަމަށް ޕީޖީ ވިދާޅުވާތީ އެވެ. އަދި އެ ވާހަކަ ރާއްޖެ ޓީވީގެ ހަބަރުގައި ޕީޖީގެ އެ ބަސް ހިމަނާފައި ވާތީ އެވެ.

ރާއްޖެ ޓީވީން މާޗް 9 ވަނަ ދުވަހުގެ ރޭ ފޮނުވި ހަބަރުގައި ބުނެފައި ވަނީ ކެފޭ ލަޔާލީފައި މުހްތާޒާއި ބާރީ އެއް މޭޒެއްގެ ދޮށުގައި ބައްދަލުކުރައްވަން ތިއްބަވަނިކޮށް ރާއްޖެ ޓީވީގެ ކެމެރާމަން ގޮސް ވީޑިއޯކުރަން ފެށުމާ އެކު "ސިއްސައިގެން ގޮސް" މުހްތާޒް އެހެން މޭޒަކަށް ވަޑައިގަތީ ކަމަށެވެ. އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރާއި ގޭންގެއްގެ ބަޔަކު ގޮސް ނޫސްވެރިންނަށް ބިރު ދައްކައިގެން ވީޑިއޯ ފޮހެލީ ކަމަށެވެ.