ވިޔަފާރި

19 އަހަރަށްފަހު ގާސިމް މަޓީގެ ބޯޑާ ދުރަށް

  • ގާސިމްގެ ދެ ދަރިކަލުން މަޓީއަށް
  • މުޅިންއާ ބޭފުޅުން ބޯޑުގައި ހިމެނޭ
  • ޗެއާމަންއަކީ ޔުނިވާސަލްގެ މަނިކު

ނަވާރަ އަހަރާ އަހަރަށްފަހު، ވިލާ ގްރޫޕުގެ ވެރިޔާ ގާސިމް އިބްރާހިމްއާ ނުލައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ގެ ބޯޑު އަލުން އެކުލަވާލައިފި އެވެ.

މަޓީ އިން މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި، އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގައި ޗެއާމަން އަކަށް ހޮވާފައިވަނީ މިދިޔަ ދައުރުގައި ވެސް ޗެއާމަންކަން ކުރެއްވި، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އަދި ނައިބުންގެ ގޮތުގައި ހޮވާފައިވަނީ ކްރައުން ކުންފުނީގެ ޗެއާމަން ހުސެއިން އަފީފު (ޗަމްޕާ އަފީފު) އާއި ރާއްޖޭގެ ސަފާރީ ވިޔަފާރި ފެއްޓެވި، ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަލާހް ޝިހާބް އެވެ.

މަޓީގެ ބޯޑުގައި ގާސިމް ހިމެނިވަޑައި ނުގަންނަމަވެސް، ވިލާ ގްރޫޕުގެ ފަރާތުން ގާސިމްގެ ދެ ދަރިކަލުން ވަނީ ބޯޑަށް ހޮވާފަ އެވެ. އެއީ އިސްމާއިލް ސިޔާން ގާސިމް އާއި އިބްރާހިމް ސިޔާދު ގާސިމް އެވެ. މީގެ އިތުރުން ބޯޑުގައި ހިމެނިވަޑައި ގަންނަވަނީ ސަން ސިޔާމް ރިސޯޓުގެ ވެރިޔާ، އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން މިރިހި އައިލެންޑް ރިސޯޓުގެ ފަރާތުން އިބްރާހިމް ނޫރައްދީން އެވެ. އަދި އެނބޫދޫ ވިލެޖުގެ ފަރާތުން އާއިޝަތު ނީނާ އަހްމަދާއި ޔުނިވާސަލް އިން އިޔާޒު ވަހީދު އެވެ. އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާގެ އިތުރުން ސަން ޓްރެވަލް އިން ޒުލެއިހާ މަނިކެވެ.

މަޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް މި އަހަރުވެސް ހިމެނިވަޑައިގަތީ، ކްރައުން ކޮމްޕެނީގެ އެއް ޑިރެކްޓަރު ކަމަށްވާ އަހްމަދު ނަޒީރު (ކްރައުން ނަޒީރު) އެވެ. އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއަކަށް ހޮވާފައިވަނީ ޑްރިފްޓްވުޑް މޯލްޑިވްސްގެ އައްސަދު އަލީގެ އިތުރުން ޔުނިވާސަލް ވިޝާ މާހިރު އެވެ. އަދި ފައިނޭންޝަލް ކޮންޓްރޯލަރަށް ހޮވާފައިވަނީ ލިލީގެ އަހްމަދު ހަފީޒެވެ.