ހަބަރު

ބަނގުރަލުގެ ވަގުތީ ހުއްދައެއް ވިލާގެ ރިސޯޓްތަކަށް ދެނީ

Jan 22, 2018
11

ވިލާގެ ރިސޯޓްތަކުގައި ބަނގުރަލާއި އޫރުމަސް ގެންގުޅުމަށް 14 ދުވަހުގެ ވަގުތީ ހުއްދައެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އިން ނިންމައިފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެގޮތަށް ނިންމީ ޓޫރިޒަމް އަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވެފައި އެ ދާއިރާގައި ހިދުމަތް ހޯދާ ޓޫރިސްޓުންނަށް ރިސޯޓްތަކުން ލިބެން ހުންނަ ހިދުމަތްތައް ނުހުއްޓި ލިބުމަކީ ކޮންމެހެން ބޭނުން ކަމަކަށް ވާތީ ކަމަށެވެ. އަދި ވަގުތީ ހުއްދަ ދޭން ނިންމީ ޓޫރިޒަމް އިންވެސްޓަރުންގެ ޖަމްއިއްޔާ، މަޓީ އާއި އެހެން ވެސް ދާއިރާގެ ސްޓޭކް ހޯލްޑަރުންގެ އެދުމުގެ މަތިން އެ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ޓޫރިޒަމް އަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވެފައި އެ ދާއިރާގައި ހިދުމަތް ހޯދާ ރާއްޖެ އަށް އަންނަ ފަތުރުވެރިން ހިތްހަމަ ޖައްސައިދިނުމަށްޓަކައި ޓޫރިޒަމް ދާއިރާއިން ދެމުން ގެންދާ ހިދުމަތްތައް ލިބެން ހުރުމަކީ މުހިންމު ކަމެއް، އެހެން ކަމުން އެފަދަ ހިދުމަތްތައް މިހާރު ތިބި ފަތުރުވެރިންނަށް ދިނުމަށްޓަކައި 14 ދުވަހުގެ ވަގުތީ ލައިސެންސެއް ދެއްވުމަށް ވަނީ ނިންމާފައި،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ ފައިސާ ނުދައްކާ ރިސޯޓް ތަރައްގީ ކުރުމާއި ހިންގުމަކީ ޓޫރިޒަމްގެ ގާނޫނާއި ޓެކުހުގެ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އޮންނަ އުސޫލުގެ ދަށުން ސަރުކާރުން ދެމުންގެންދާ ހިދުމަތްތައް ދިނުމުގައި މީރާހެ ރިކޯޑް ޗެކް ކުރާ ކަމަށެވެ. އަދި މިރާގެ ރިކޯޑް ތަކަށްބަލައި ފައިސާ ނުދައްކާ ކުންފުނިތަކަށް ސަރުކާރުން ދެމުން ގެންދާ ހިދުމަތްތައް މެދު ކަނޑާލުމަކީ ކުރަމުން އަންނަ ކަމެއް ކަމުގައި ބަޔާނުގައި ވެއެވެ.

"ވިލާ ޝިޕިން އެންޑް ޓްރޭޑިން އާއި ގުޅުންހުރި ކުންފުނިތަކުން ހިންގަމުންދާ ރިސޯޓް ތަކުން ކުއްޔާއި ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަންހުރި ފައިސާ ހޯދުމަށް މީރާއިން ކޯޓްތަކުގައި ދައުވާ ކޮށްފައިވާތީ އެފައިސާ ދައުލަތަށް ދެއްކުމުން ނޫނީ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންނުދާނެ، މިއީ މުޅި ސިނާއަތަށްވެސް މުހިންމު ކަމެއް ކަމުގައި ދައުލަތުން ދެކެން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށްވަނީ، ފަތުރުވެރިކަމަކީ ރާއްޖޭގެ މުހިންމު ސިނާއަތެއް ކަމަށާއި އެހެން ކަމުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަރާތްތަކާއި ރާއްޖޭގައި އިންވެސްޓްކޮށްފައިވާ އެންމެހާ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި ރާއްޖެ ހިތްގައި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ މިނިސްޓްރީން އެންމެ އިސްކަންދޭ ސިޔާސަތު ކަމަށްވެސް ބަޔާނުގައި ވެއެވެ.

ވިލާ ކުންފުނީގެ ރިސޯޓްތަކުގެ ތެރެއިން ރާ ވިއްކުމުގެ ހުއްދަ އޮތް ހަމައެކަނި ރިސޯޓް، ރޯޔަލް އައިލެންޑް ރިސޯޓަށް ދޫކޮށްފައިވާ ބަނގުރާ ގެންގުޅުމާއި ވިއްކުމުގެ ހުއްދަވެސް ކަސްޓަމްސް އިން އިއްޔެ ވަނީ ހިފަހައްޓާފަ އެވެ. ލައިސަންސް ހިފަހައްޓާފައިވަނީ ހަ މަސްދުވަހުގެ މުއްދަތަކަށެވެ.

ވިލާގެ ހަތަރު ރިސޯޓަކަށް ކަސްޓަމްސްގެ އޮފިސަރުން ސިފައިންނާ އެކު އެރީ، މީރާއަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ރިސޯޓްތަކަށް ބަނގުރާ އެތެރެކުރުމުގެ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް އެ ކުންފުނީގައި އެކަން ކުރުމުގެ ހުއްދަ އޮންނަ ހަމަ އެކަނި ރިސޯޓް ރޯޔަލް ރިސޯޓަށް ގެންނަ ބަނގުރާ އެ ކުންފުނީގެ ނަމުގައި ބޮންޑެޑް ވެއާހައުސް އިން ނެރުމަށްފަހު، ފަހުން އެހެން ރިސޯޓްތަކަށް އެތަކެތި ގެންދާ މައްސަލައިގަ އެވެ.

އެ މައްސަލައާ ގުޅިގެން ފަން އައިލެންޑް ރިސޯޓަށް މިދިޔަ ހޮނިހިރު ދުވަހު ކަސްޓަމްސްގެ ޓީމްތަކެއް އަރައި އެ ރަށުގައި ހުރި ބަނގުރާ ސްޓޮކް ވަނީ އެއްކޮށް ނެރެގެން ގެންގޮސްފަ އެވެ. އެކަމާ ގުޅިގެން އެ ކުންފުނީގެ ރިސޯޓްތަކުގެ ބާތައް ހުއްޓި ޓޫރިސްޓުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައި ކަމަށް އެ ރިސޯޓްގެ މެނޭޖްމަންޓުން ބުނެ އެވެ. އެ އޮޕަރޭޝަން ހިންގި އިރު 100 އަށް ވުރެ ގިނަ ޓޫރިސްޓުން އެރަށުން ހިދުމަތް ހޯދަމުން ދިޔަ ކަމަށް ވިލާ ކުންފުނިން ވަނީ ބުނެފަ އެވެ.