ވިޔަފާރި

ގިނަ ޓޫރިސްޓުންގެ ހޭދަ 1،000 އާއި 5،000 ޑޮލަރުގައި

  • ގިނަ މީހުން އަންނަނީ ރީތި ގޮނޑުދަށްތަކަށް
  • ޔޫރަޕު މީހުންގެ ހަނީމޫން ޓޫރިޒަމް މައި ސީޒަންގައި
  • 46 ޕަސެންޓް މީހުން އަންނަނީ ރާއްޖެ އަމާން ކަމުން

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އަންނަ ޓޫރިސްޓުންގެ ގިނަ މީހުންގެ އެވްރެޖު ހޭދައަކީ 1،000 އާއި 5،000 ޑޮލަރު (ގާތްގަނޑަކަށް 15،420ރ. އާއި 77،100ރ.) ގައި ކަމަށް ޓޫރިޒަމް ސާވޭއިން ދައްކައިފި އެވެ.

ޓޫރިޒަމްގެ މައި ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ސީޑީސީ ކޮންސެލްޓިން ކުންފުންޏާ ހަވާލު ކޮށްގެން ކުރި ސާވޭ އިން ދެއްކި ގޮތުގައި ރާއްޖެއަށް އަންނަ މީހުންގެ 46 ޕަސެންޓުގެ ހޭދަ އުޅެނީ 1،000 ޑޮލަރާއި 5،000 ޑޮލަރު ވަރެވެ. މި އަދަދުގެ ތެރޭގައި އެއާ ޓިކެޓް ވެސް ހިމެނެ އެވެ. ޓޫރިޒަމްގައި ކުރި މި ފަދަ ފުރަތަމަ ދިރާސާގައި ބުނެފައިވާ ގޮތުން 30 ޕަސެންޓް މީހުންގެ ހޭދަ އުޅެނީ 5،000 ޑޮލަރާއި 10،000 ޑޮލަރާ ދެމެދުގަ އެވެ.

ރާއްޖެއަށް އަންނަ މީހުންގެ 75 މީހުން އަންނަ ސަބަބަކީ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކެއް ހުރުމުންނެވެ. އަދި 57 ޕަސެންޓް މީހުން އަންނަނީ މޫދު އަޑީގެ ގުދުރަތީ ރީތިކަން ދެކިލުމަށެވެ. މީގެ އިތުރުން ސުލްހަވެރިކަމުގެ ސަބަބުން 46 ޕަސެންޓް މީހުން އާދެ އެވެ.

ޓޫރިސްޓުންގެ 40 ޕަސެންޓް ރާއްޖެ އަށް އަންނަނީ އަރާމު ކޮށްލާށެވެ. އަދި 35 ޕަސެންޓް މީހުން މާމުއި ހަނދުގެ ދުވަސްތައް ރާއްޖޭގައި ހޭދަކޮށްލުމަށް، ހަނީމޫން އަށެވެ. އަދި ބާކީ ތިބި މީހުން އަންނަނީ ސްނޯކްލިން އާއި ޑައިވިން އަދި އުފަން ދުވަސް ފާހަގަ ކުރުމުގެ އިތުރުން ހެލް އެންޑް ވެލްނަސް އަށެވެ. މީ ސާވޭއިން ދެއްކި ގޮތުގައި ޖަޕާނާއި އިންޑިޔާ ފަދަ ގައުމުތަކުގެ މީހުން ގިނަ އަދަދަކަށް ރާއްޖޭގައި ހަނީމޫން ހޭދަ ކުރަންއާދެ އެވެ. މީގެ އިތުރުން ޓޫރިޒަމްގެ އެންމެ ޕީކް ސީޒަންގައި ރާއްޖޭގައި ހަނީމޫން ހޭދަ ކުރަން ގިނަ އަދަދެއްގެ ޔޫރަޕުން މީހުން އަންނައިރު އޮފް ސީޒަންގައި އޭޝިޔާގެ މީހުން ހަނީމޫނަށް އާދެ އެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި މިއީ ރެކޯޑު ކުރިއެރުމެކެވެ.