ދުނިޔެ

މެދު އިރުމަތިން އެމެރިކާއަށްދާ އެއާ ކާގޯ އިތުރަށް ސްކްރީންކުރަނީ

މެދުއިރުމަތީގެ ގައުމުތަކުގެ ހަ އެއާލައިނަކުން އެމެރިކާއަށް ކުރާ ދަތުރުތަކުގައި އުފުލާ މުދާ ކުރިއަށް ވުރެ ބޮޑަށް ބަލައި ފާސްކުރަން އެމެރިކާގެ ޓްރާންސްޕޮޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން( ޓީއެސްއޭ) އިން އަންގައިފިއެވެެ.

ޓީއެސްއޭއާ ހަވާލާދީ ރޮއިޓާސް ބުނީ އެގޮތަށް އަމަލުކުރަން އެންގީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށް ވުރެ ވަރުގަދަ ކުރަން ކުރާ މަސައްކަތެއްގެ ބައެއްގެ ގޮތުގައި ކަމަށެވެ.

ވައިގެ މަގުން އުފުލާ މުދާ އިތުރަށް ބަލައި ފާސްކުރަން އެމެރިކާއިން އެންގީ ފަސް ގައުމެއްގެ ގައުމީ އެއާލައިން ތަކަށެވެ. އެ އެއާލައިންތަކުގެ މަތިންދާބޯޓްތަކުން އުފުލާ މުދާ އިތުރަށް ބަލައި ފާސްކުރަން ޖެހޭނީ ކަނޑައަޅާފައިވާ ވަކި ހަތް އެއާޕޯޓަކުން ފުރައިގެން އެމެރިކާއަށް ދަތުރުކުރާ ނަމައެވެ.

އެގޮތުން އިތުރަށް ބަލަން އަންގާފައި ވަނީ:

އިޖިޕްޓް އެއާގެ މަތިންދާބޯޓްތައް : ގާހިރާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ނަމަ.
ރޯޔަލް ޖޯޑާނިއަން: ކްއީން އާލިއާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ނަމަ
ސައުދިއާ: ކިންގް އަބުދުލް އަޒީރު އިންޓަނޭޝަނަލް އެއާޕޯޓް އަދި ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ނަމަ
ގަތަރު އެއާވޭަސް: ދޯހާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ނަމަ
އެމިރޭޓްސް: ދުބާއީ އިންޓަނޭަޝަނަލް އެއާޕޯޓުން ފުރާ ނަމަ
އިއްތިހާދު އެއާވޭސް : ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ނަމަ


ޓީއެސްއޭއިން ބުނެފައި ވަނީ އެ އެއާލައިންގެ މަތިންދާބޯޓްތަކުން އުފުލާ މުދާ ބަލައިފާސް ކުރަން ޖެހޭނީ އެއާކާގޯ އެޑްވާންސް ސްކްރީނިން ޕްރޮޓޮކޯލްއާ އެއްގޮތަށް ކަމަށެވެ. އަދި ބުނެފައި ވަނީ އެ އުސޫލާ ގިނަ އެއާލައިންތަކުން އަމިއްލައަށް އިސް ނަގައިގެން މިހާރު ވެސް އޭގެ ތެރެއިން ބައެއް ކަންކަމަށް އަމަލުކުރަމުން އަންނަ ކަމަށެވެ.

ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރަނީ ވައިގެ ދަތުރެެއްގެ ތެެރެއިން ޓެރަރިސްޓް ހަމަލާއެއް ދީފާނެތީ ކަމަށް އެމެރިކާއިންް ކުރިން ވަނީ ބުނެފައެވެ.