ދުނިޔެ

ފިލިޕީންސްގެ އަލިފާން ފަރުބަދައެއް ގޮވާތީ 40000 މީހުން އެހެން ހިސާބުތަކަށް

ފިލިޕީންސްގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަ ގޮވަމުންދާތީ ކައިރި ހިސާބުތަކުގައި ދިރިއުޅުނު 40000 މީހުން އެހެން ހިސާބުތަކަށް ހިނގައްޖެއެވެ.

ފިލިޕީންސްގައިވާ އެންމެ ގިނައިން ގޮވާ އަލިފާން ފަރުބަދަ ކަމަށްވާ މައުންޓް މާޔޮން އިއްޔެގައި ގޮވަން ފެށުމުންް އެފަރުބަދައިން ދަނީ ލާވާއާއި އަޅި ގިނައިން ބޭރުވަމުންނެވެ. އެގޮތުން އެ ފަރުބަދައިން ބޭރުވި ލާ ފަރުބަދައިގެ ކުންނުން ފެށިގެން 2300 ފޫޓު އުހަށް އެރި އިރު ދުމާއި އަޅި 1.9 މޭލަށް މައްޗަށް އެރި ކަމަށް ފިލިޕީންސްގެ އިންސްޓްޓިއުޓް އޮފް ވޯލްކެނޮލޮޖީ އެންޑް ސިއިސްމޮލޮޖީ އާ ހަވާލާދީ އޭބީސީ ނިއުސް ބުންޏެވެ.

މާޔޮން ފަރުބަދަ ގޮވަން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ފެށިތާ މިހާރު ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ކުރިއަށް އޮތް ގަޑިއިރުތަކެއް ނުވަތަ ދުސްތަކެއްގެ ތެރޭގައި ބާރުގަދަ ގޮވުމަކުން އެ ފަރުބަދަ ގޮވައިފާނެ ކަމުގެ އިންޒާރު ފިލިޕީންސްގެ އިދާރާތަކުން ވަނީ ދީފައެެވެ. އެގޮތުން ގޮވާ އިރު ބޭރުވާ އާދަޔާ ހިލާފަށް ހޫނުވެފައިވާ ގޭހާއި ހިލަތައް ވަރަށް ބާރަށް ތިރިއަށް ދާއިރު އެތަކެތިން ޖެހޭ ކޮންމެ އެއްޗެއް ފަނާވަމުން ދާނެ ކަމަށް ކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފައެވެ.

އިއްޔެ ފަރުބަދަ ގޮވުމާއެކު ފިލިޕީންސްގެ އިދާރާތަކުން ވަނީ އަލިފާން ފަރުބަދަ ގޮވުމުން ކުރިމަތިވާ ނުރައްކަލާ ގުޅިގެން ދޭ ނުރައްކަލުގެ އިންޒާރުގެ ދަރަޖަ ހަތަރަކަށް ބަދަލުކޮށްފައެވެ. ނުރައްކާ އޮތް ސަރަހައްދުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ފަރުބަދައިގެ ފަށައިގެން ފަސްމޭލުގެ ސަރަހައްދެކެވެ. އެހެންވެ، އިތުރު އެތައް ހާސް މީހުންނެއް ގެދޮރު ދޫކޮށް ދާން ވަނީ އަންގާފައެވެ. ފަރުބަދަ ގޮވާތީ ދުރަށް ދިއުމަށް ފަހު އެނބުރި އައި 1200 މީހުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އަލިފާން ފަރުބަދަ ގޮވުމުން ބޭރުވެފައިވާ ދުމާއި އަޅި ބޮޑު ސަރަހައްދެއްގެ ޖައްވަށް ފެތުރިފައި ވާތީ ފިލިޕީންސްގެ އަލްބޭ ޕްރޮވިންސާއި ކަމަރިންސް ސާ ވައިގެ ދަތުރުތަކާއި އެއްގަމު ދަތުރުތަކަަށް ވެސް ވަނީ ބުރޫ އަރާފައެވެ. އެ ދެޕްރޮވިންސްގެ ގިނަ ރަށް ތަކަކަށް ވަނީ އަޅި ފައިބައިފައެވެ.