ހަބަރު

ނަޝީދުގެ ވާހަކަތަކަށް ސަރުކާރުން ރައްދުދީފި

ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ދެއްކެވި ވާހަކަފުޅަށް ސަރުކާރުން ރައްދު ދީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބައިނަލް އަގުވާމީ ބައެއް މީޑިއާ ތަކަށް ސަރުކާރުން މިއަދު ފޮނުވި ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދު އިއްޔެގައި ދެއްވި އަދަދުތަކާއި މައުލޫމާތުތަކަކީ "ފާގަތި ދިރިއުޅުމެއް ހޯދަން ދިވެހި ރައްޔިތުން އެމީހުންނަށާއި އެމީހުންގެ ދަރިންނަަށް ފާގަތި ދިރިއުޅުމެއް ހޯދަން ކުރާ މަސައްކަތަށް ހުރަސް އަޅުއްވަން ކުރެއްވި ދޮގު ތުހުމަތު ތަކެއް" ކަަމަށެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްްބޯގައި ނަޝީދު އިއްޔެ ވިދާޅުވީ ސީރިޔާއާއި އިރާގުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ރާއްޖޭގެ 300 އަށް ވުރެ ގިނަ މީހުން ބައިވެރިވަމުންދާ ކަަމަށެވެ. ނަމަވެސް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އެންމެ ފަހުން ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖޭން ގޮސްފައި ވަނީ 61 މީހުން ކަމަށެވެ.

ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގައި ނުރައްކަލެއް ނެތްކަމުގެ ކަށަވަރުކަން ވެސް ބައިނަލް އަގުވާމީ މުޖުތަމައަށް ދީފައެވެ. އެގޮތުން ރާއްޖެއަށް ދަތުރުކުރާ ޓޫރިސްޓުންނަށް ޔަގީންކަން ދީފައި ވަނީ ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތަކުގައި ގޮތުގައި އޮތް ކަމެވެ.

" ... ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ނުރައްކަލެއް މިހާުރުން މިހާރަށް ނެތްކަން ވެސް އަަޅުގަގޑުމެން ކަށަވަރުކޮށްދެމެވެ،" ބަޔާނުގައި ބުނެފައި ވެއެވެ.

ޗައިނާއަށް ރާއްޖޭގެ ސިޔާދަތު ވިއްކައިލަމުންދާ ކަަމަށް ވިދާޅުވެ، ނަޝީދު ދެއްކެވި ވާހަކަފުޅަށް ވެސް ބަޔާނުގައި ރައްދު ދީފައި ވެއެވެ. އެ ވާހަކައަށް ރައްދުދެމުން ބުނެފައި ވަނީ މިނިވަން ވިޔަފާރިއަށް ހިތްވަރު ދިނުމަށް ރާއްޖޭގެ އިގުތިސޯދު ހުޅުވައިލަނީ އަދުގެ ބާޒާރުތަކުގައި ވާދަ ކުރުމުގެ ވިސްނުމުގައި ކަމަށެވެ. ރާއްޖޭގައި އާ ސިޔާސަތުތައް އެކަށައަޅައި އާ ގާނޫނުތައް ހަދާފައި ވަނީ އެގޮތުން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ސަރުކާރުން މަކަރު ހަދާނެ ކަަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެމުން ސަރުކާރުން ބުނެފައ ވަނީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ދައުލަތުން މަސައްކަތް ކޮށްފައިވާ ކަމަށާއި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގައުމީ ފެންވަރުގައި އެންމެ ފަހުން ބޭއްވި އިންތިހާބަކީ މިދިޔަ އަަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ކަމަށާއި އެ އިންތިހާބުގެ ނަތީޖާ ސިޔާސީ ޕާޓީތަކުންނާއި ބައިނަލް އަގުވާމީ މުޖުތަމައުން ވެސް ބަލައިގަތްކަން ފާހަަގަ ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.