އެމްޑަބްލިއުއެސްސީ

ބުރިޖު ކައިރިން ފެންހޮޅި އަޅާނެ ބަޔަކު ހޯދަނީ

ހުޅުލެއާ މާލެއާ ދެމެދު އަޅަމުންދާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ މާލެ އާއި ހުޅުލެއަށް ނިމޭ ޕޮއިންޓްތަކުން ފެށިގެން މާލެ އާއި ހުޅުމާލޭގެ ޑިސްޓްރިބިއުޝަން ޕޮއިންޓްތަކަށް ފެން ހޮޅި ލައިދޭނެ ބަޔަކު ހޯދަން ބީލަމަށް އުޅުވާލައިފި އެވެ.

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ސަރުކާރުގެ ގެޒެޓުގައި މިއަދު ޖެހި އިއުލާނުގައި ބުނެފައި ވަނީ ފެނުގެ އެ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ދޫކުރާނީ މި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް ބީލަން ފޮތަށް ފައިސާ ދެއްކުން މިއަދުންް ފެށިގެން މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ބީލަން ފޮތެއްގެ އަގަކީ 500ރ. އެވެ.

ބީލަން ފޮތަށް ފައިސާ ބަލައިގަންނާނީ އަދި ފޮތް ދޫކުރާނީ ވެސް ފެން ބިލްޑިންގް ގެ ދެވަނަ ފަންގިފިލާގައިވާ އެމްޑަބްލިއުއެސްސީގެ އޮފީހުންނެވެ.

ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ފަހި ބައްދަލުވުން އަންނަ ފެބްރުއަރީމަހުގެ ފުރަތަމަ ދުވަހު ބާއްވާނެ އެވެ. އޭގެ ފަހުން ބީލަންތައް ބަލައިގަންނާނީ ފެބްރުއަރީމަހުގެ ހަތް ވަނަ ދުވަހު އެވެ،

އެކުންފުނިން ކުރިން ބުނެފައި ވަނީ އެ ކުންފުނިން އެކުލާވާލާފައިވާ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މާލެ އާއި ހުޅުމާލޭގެ ފެން ވިއުގައިގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ބްރިޖްގެ ތެރެއިން އެ ވިއުގަ ގުޅައިލަން ބޭނުންވާ ހޮޅިލައިން ޑިޒައިން ކުރަން ފަށާފައިވާ ކަމަށެވެ. ހޮޅި ލައިން ޑިޒައިންް ކުރުމުގެ މަސައްކަތް ކުރީ ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ޗައިނާގެ ސީ ސީ ސީ ސެކަންޑް ހާބާ އެންޖިނިއަރިންއާ ގުޅިގެންނެވެ.