ދުނިޔެ

ޒައިނަބުގެ ގާތިލު ހައްޔަރު ކުރެވިއްޖެ: ޕާކިސްތާން

ޕާކިސްތާނުގެ ކަސޫރު ނަަމަކަށް ކިޔާ ރަށުގައި ރޭޕްކޮށް މަރާލާައި، ކުނި ގޮނޑަކަށް އެއްލައިލާފައި އޮއްވައި ފެނުނު އުމުރުން ހަތް އަހަރުގެ ޒައިނަބު އަންސާރީގެ ގާތިލުކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރެއްވިއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ޕާކިސްތާނު ފުލުހުންނާ ހަވާލާދީ ޖިއޯ ޓީވީން ބުނީ ޒައިނަބު ރޭޕްކޮށް މަރައިލިކަމުގެ ތުހުމަތަށް ހައްޔަރުކުރީ އިމްރާން ނަމަކަށް ކިޔާ އުމުރުން 24 އަހަރުގެ މީހެއް ކަމަށެވެ. އަދި ބުނީ އެމީހާއަކީ ޒައިނަބުގެ އާއިލާ ދަންނަ، އޭނާގެ ގެއަށް ގޮސް އުޅޭ މީހެއް ކަމަށެވެ. އަދި ބުނީ އޭނާއަކީ ޒައިނަބު ދިރިއުޅުނު ގެ ހުންްނަ މަގުގައި ދިރިއުޅޭ މީހެއް ކަމަށެވެ.

ފުލުހުންނާ ހަވާލާދީ ޖިއޯޓީވީން ބުނީ އިމްރާނަކީ ޒައިނަބުގެ މަރާ ގުޅިގެން ކުރިން ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައިވާ މީހެއް ކަމަށެވެ. އޭރުގައި އޭނާގެ ޑީއެންއޭ ޓެސްޓް ނުކޮށް ދޫކޮށްލީ އެއީ އިތުބާރު ކުރެވޭ މީހެއް ކަމަށް ބުނެ އާއިލާއިން އެކަމުގެ ތެރެއަށް ވަނުމުންނެވެ. އޭރުގައި ދޫކޮށްލުމުން އޭނާ ކަސޫރުން ފުރައިގެން ގޮސް އެހެން ރަށެއްގައި ދުވަސްކޮޅަކު އުޅުނެވެ. ދެވަނަ ފަހަރަށް އޭނާ ހައްޔަރު ކުރީ ކަސޫރް ޑިސްޓްރިކްޓްގެ ޑިސްޓްރިކްޓް ޕޮލިސް އޮފިސަރު( ޑީޕީއޯ)ގެ އަމުރަކަށް އެތައް ބަޔަކު ހައްުޔަރުކުރުމުގެ ތެރޭގައެވެ. އޭނާ ހައްޔަރު ކުރީ ޕާކް ޕައްޓަން ނަަމަކަށް ކިޔާ ސަރަހައްދެއްގައި ހުއްޓައެވެ.

އިމްރާން ހައްޔަރުކޮށްފައި ވަނީ ފަސް ދުވަސް ކުރިން ކަަމަށާއި ޒައިނަބު ރޭޕްކޮށް މަރައިލުމުގެ ޖަރީމާ ހިންގި ކަމަށް އޭނާ އިއުތިރާފްވެފައިވާ ކަމަށް ވެސް ކަސޫރު ފުލުހުން ޖިއޯ ޓީވީއަށް ބުނެފައި ވެއެވެ.

ޕަންޖާބްގެ ސަރަހައްދީ ސަރުކާރާ ހަވާލާދީ އެޓީވީން ބުނީ އިމްރާންގެ ޑީއެންއޭގެ ތަފުސީލީ ރިޕޯޓެއް މިރޭ ލިބޭނެ ކަމަށެވެ.
ޒައިނަބު ރަހީނުކޮށްގެން ގެންގޮސްފައި ވަނީ މި ޖެނުއަރީމަހުގެ ހަތަރު ވަނަ ދުވަހު އޭނާގެ ބޮޑުދައިތައެއްގެ ގޭގެ ކަައިރީގަައި ހުއްޓައެވެ. އޭގެ ފަސް ދުވަސް ފަހުން ޒައިނަބުގެ ހަށިގަނޑު ފެނިފައި ވަނީ ކަސޫރުގެ ކުނިގޮނޑަކަށް އެއްްލާފައި އޮއްވައެެވެ. އެކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފައި ވަނީ އެކުއްޖާ މަރާލާފައި ވަނީ ރޭޕް ކުރުމަށް ފަހުގައި ކަމަށެވެ.

ޒައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގެ ބޮޑެތި ޝަހަރުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބައެއް މީހުން މަރުވެސް ވިއެވެެ.

ކަސޫރު ސިޓީގެ ފުލުހުން ކުރިން ބުނެފައިވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގައި އެފަދަ 12 ޖަރީމާ ހިންގާފައިވާ ކަމަށެވެ. އެމީހުން ބުނީ އޭގެ ތެރެއިން ފަސް ހާދިސާއެއްގެ ތުހުމަތު ވަނީ އެކަކަށް ކަމަށާއި އޭނާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ ޖަރީމާތަކަށް ތުހުމަތުވާ 90 މީހެއްގެ ޑީއެންއޭ ސާމްޕަލް ނަގާފައިވާ ކަމަށެވެ.