ހަބަރު

"ގޯލްޑް 100" ގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

Jan 23, 2018

ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށްދޭ "ގޯލްޑް 100"ގެ ޕާޓްނަރުންނާއެކު ކޯޕަރޭޓް މޯލްޑިވްސްއިން މިއަދު ސޮއިކޮށްފި އެވެ.

ގޯލްޑް 100 އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ. އެގޮތުން ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސް އެވެ. މި އެވޯޑް ދިނުމުގައި ބޭންކުން ޖެހިޖެހިގެން ބައިވެރިވާ ދެވަނަ އަހަރެވެ.

މި އެވޯޑްގެ ގޯލްޑް ޕާޓްނަރުންނަކީ ދިރާގާއި އެމްޓީސީ އާއި އެސްޓީއޯ އާއި އަލްޝާލީ މެރިން މޯލްޑިވްސް އާއި އެމް ސެވެން އަދި އެފްއެސްއެމް މޯލްޑިވްސް އެވެ. ކޯޕަރޭޓް މޯލްޑިވްސްއިން ވަނީ އެފަރާތްތަކާއެކު ވެސް މިއަދު ސޮއިކޮށްފަ އެވެ.

މީގެއިތުރުން ގޯލްޑް 100 މީޑިއާ ޕާޓްނަރުންނަށް ހަމަޖައްސާފައިވަނީ އަވަސް އޮންލައިނާއި ޕީއެސްއެމާއި ސަން މީޑިއާ އާއި މޯލްޑިވްސް އިންސައިޑާ އަދި ކޯޕަރޭޓް މޯލްޑިވްސް އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރިތައް ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މައުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއްވަނީ ކަނޑައަޅާފައެވެ. މި އެވޯޑް ލިބޭ ފަރާތްތައް އާންމު ކުރެވިގެންދާނީ މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑް 100 ގާލާ އިވެންޓުގަ އެވެ.

ގޯލްޑް 100 އެވޯޑު ދިނުމަށް ބާއްވާ "ގޯލްޑް 100 ގާލާ" ނައިޓްއަކީ އެންމެ ޝަރަފުވެރި އެއް ހަފުލާ އެވެ. މި ހަފުލާގައި ގިނަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ސީއީއޯ އިން ބައިވެރި ވަޑައިގަންނަވާނެ އެވެ. މި އެވޯޑު ދިނުން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގަ އެވެ.