ހަބަރު

"ދުރުގައި ތިއްބަސް އަލީ ވަހީދާއި ޖަމީލު ތިބީ އެކުގައި"

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ރާއްޖެއިން ބޭރަށް އަރުވާލެވިގެން ދުރުގައި ތިއްބެވިޔަސް އެ ބޭފުޅުން ތިބީ އިދިކޮޅު ފަރާތްތަކާ އެކުގައި ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ޝޭހް އިމްރާންގެ މައްޗައް ޓެރަރިޒަމްގެ ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަތާ 1000 ދުވަސް ފުރެން ގާތްވުމާ ގުޅިގެން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ޝޭހް އިމްރާނެކޭ އެއްގޮތަށް އިދިކޮޅުގެ ހުރިހާ ލީޑަރުންނަށް ވެސް ވަނީ ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ބޭނުން ކުރުމުގެ ސަބަބުން ޖަލު ހުކުމް ތަންފީޒު ކުރަން ނުވަތަ ރާއްޖެއިން ބޭރުގައި ދިރިއުޅެން ޖެހިވަޑައިގެންފައި ކަމަށެވެ. އެގޮތުން މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅެމުން ގެންދަވާ ޖަމީލާއި އަލީ ވަހީދު އަދި ޖޭޕީގެ ނައިބު ރައީސް އަމީން އިބްރާހިމް ކިތަންމެ ދުރުގައި ހުއްޓަސް އެ ބޭފުޅުންގެ އިހުސާސުތަކާއި ވިންދު އަދިވެސް ވަނީ އިދިކޮޅު ފަރާތްތަކާ އެކުގައި ކަމަށް އިބޫ ވިދާޅުވި އެވެ.

"ގާނޫން އަސާސިގައި ލިބިފައިވާ މުދަަ ހޯދާ މިކު ކުރުމުގެ ހައްގު ވެސް ވަނީ ނިގުޅައި ގެންފައި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މުޅި ހަޔާތުގައި ކުރެވި މަސައްކަތް ފޭރި ގަތުމުގެ މަސައްކަތް މިއަދު ކުރެއްވި، އެމަނިކުފާނަކީ އެންމެ އޯގާތެރި މީހާ، ނަމަވެސް އެމަނިކުފާނުގެ މައްޗައް ރިޝްވަތު ދިނުމުގެ ކުށް ސަބިތުކޮށް ނުހައްގުން އަދަބު ދެމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗައް ބޭއިންސާފު ޝަރީއަތެއް ކުރެވި 13 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފައި، ޝޭހް އިމްރާން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ދެއްކެވި ވާހަކައަކުން ވަނީ 12 އަހަރުގެ ހުކުމެއް އައިސފައި، ހުރިހާ ލީޑަރުންނަށް ވެސް މި އަންނަނީ އަދަބު ލިބެމުން،" އިބޫ ވިދާޅުވި އެވެ.

ޝޭހް އިމްރާން ޖަލުގައި ހުންނެވިތާ 1000 އަހަރު ފުރެން ގާތްވެފައިވާތީ އެކަން ފާހަގަކޮށް އިބޫ ވިދާޅުވީ އިމްރާނަކީ މީހުންގެ ލަފަޔާއި ހިޔާލު ހޯދައިގެން މަސައްކަތް ކުރަން އެނގޭ، ހިތްވަރު ގަދަ ލީޑަރެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން ގެންދަވާ އިސްލާހީ މަސައްކަތުގައި އެމަނިކުފާނަކީ މައިގަނޑު ތަނބެއް ކަމަށާއި ސިޔާސީ މައިދާނުގައި އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ އިތުބާރު ކުރައްވަނީ ވެސް އެމަނިކުފާނަށް ކަމަށް އިބޫ ވިދާޅުވި އެވެ.

"އިމްރާނަކީ ސިޔާސީ މައިދާނުގައި އަޅުގަނދާ ބައްދަލުވެ އެކީގައި މަސަައްކަތް ކުރަން ފުރުސަތު ލިބުނު އަޅުގަނޑު އެންމެ އިތުބާރު ކުރާ ބޭފުޅާ، އިމްރާނަކީ މީހުންގެ ހިޔާލު ހޯދާ ކަންކަންކުރުމުގައި ލަފާ ހޯދާ ޓީމް ޕްލެޔަރެއް، އެމަނިކުފާނަކީ ހިތްވަރު ގަދަ އަޒުމު ވަރުގަދަ ލީޑަރެއް، މިއަދު ހިންގާ އިސްލާހީ ހަރަކާތްތަކުގެ މައިގަނޑު އެއް ތަނބު، ރާއްޖޭގެ ތާރީހު ލިޔެވިގެން ދާއިރު ޝޭހް އިމްރާނުގެ ނަން އެތަށް ގޮތަކުން ފާހަގަ ކުރެވިގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެންމެ ފުރަތަމަ ވެސް މަސައްކަތް ފެށީ ގާނޫނާ ހިލާފަށް ހިނގަމުން އަންނަ ކަންކަން ހުއްޓުވާ ގައުމު އިސްލާހު ކުރަން ކަމަށާއި ފިއްތުންތައް ކުރިމަތި ކުރުވި ނަމަވެސް އެ މަސައްކަތް ހުއްޓާނީ އެކަން ކާމިޔާބުކޮފައި ކަމަށެވެ.