ހަބަރު

ރޯޔަލްގެ ބަނގުރާ ލައިސަންސްގެ މައްސަލަ ކޯޓަށް

ވިލާ ކުންފުނީގެ ރިސޯޓްތަކުގެ ތެރެއިން ރާ ވިއްކުމުގެ ހުއްދަ އޮތް ހަމައެކަނި ރިސޯޓް، ރޯޔަލް އައިލެންޑް ރިސޯޓަށް ދޫކޮށްފައިވާ ބަނގުރާ ގެންގުޅުމާއި ވިއްކުމުގެ ހުއްދަ ކަސްޓަމްސް އިން ހިފެހެއްޓި މައްސަލަ އެ ކުންފުނީގެ ވަކީލުން ކޯޓަށް ހުށަހަޅައިފި އެވެ. އެކަން ހާމަކުރީ ކުންފުނީގެ ވަކީލުން ނެރުނު ނޫސް ބަޔާނެއްގަ އެެވެ.

މިދިޔަ އާދިއްތަ ދުވަހު އެ ރިސޯޓްގެ ލައިސެންސް ހިފަހައްޓާ، ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އަށް ކަސްޓަމްސްގެ ޑިރެކްޓަރު ނާހިޔާ މުހައްމަދު ސޮއިކޮށް ފޮނުއްވި ސިޓީއެއްގައި ވަނީ އެ ލައިސަންސް ހިފެހެއްޓީ ބަނގުރަލާއި އޫރުމަހުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ ނ ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާފައިވާ ކަމަށް ފާހަގަވެފައިވާތީ ކަމަށެވެ. އަދި މިއަދުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ވެސް ސިޓީގައިވެ އެވެ.

ނަމަވެސް ވިލާގެ ރިސޯޓްތަކުގައި ބަނގުރަލާއި އޫރުމަސް ގެންގުޅުމަށް 14 ދުވަހުގެ ވަގުތީ ހުއްދައެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީއިން އިއްޔެ ނިންމި އެވެ.

އެ ހުއްދަ ދިނުމަށްފަހު ނެރުނު ބަޔާނުގައި މިނިސްޓްރީން ބުނީ، އެގޮތަށް ނިންމީ ޓޫރިޒަމް އަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވެފައި އެ ދާއިރާގައި ހިދުމަތް ހޯދާ ޓޫރިސްޓުންނަށް ރިސޯޓްތަކުން ލިބެން ހުންނަ ހިދުމަތްތައް ނުހުއްޓި ލިބުމަކީ ކޮންމެހެން ބޭނުން ކަމަކަށް ވާތީ ކަމަށެވެ. ފައިސާ ނުދައްކާ ރިސޯޓް ތަރައްގީ ކުރުމާއި ހިންގުމަކީ ޓޫރިޒަމްގެ ގާނޫނާއި ޓެކުހުގެ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އޮންނަ އުސޫލުގެ ދަށުން ސަރުކާރުން ދެމުންގެންދާ ހިދުމަތްތައް ދިނުމުގައި މީރާހެ ރިކޯޑް ޗެކް ކުރާ ކަމަށެވެ. އަދި މިރާގެ ރިކޯޑް ތަކަށްބަލައި ފައިސާ ނުދައްކާ ކުންފުނިތަކަށް ސަރުކާރުން ދެމުން ގެންދާ ހިދުމަތްތައް މެދު ކަނޑާލުމަކީ ކުރަމުން އަންނަ ކަމެއް ކަމުގައި ބަޔާނުގައި ވެއެވެ.

"ވިލާ ޝިޕިން އެންޑް ޓްރޭޑިން އާއި ގުޅުންހުރި ކުންފުނިތަކުން ހިންގަމުންދާ ރިސޯޓް ތަކުން ކުއްޔާއި ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަންހުރި ފައިސާ ހޯދުމަށް މީރާއިން ކޯޓްތަކުގައި ދައުވާ ކޮށްފައިވާތީ އެފައިސާ ދައުލަތަށް ދެއްކުމުން ނޫނީ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންނުދާނެ، މިއީ މުޅި ސިނާއަތަށްވެސް މުހިންމު ކަމެއް ކަމުގައި ދައުލަތުން ދެކެން،" ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ކަސްޓަމްސްއިން ތަހުގީގު ކުރަމުންދާ ކަމަށް ބުނާ މައްސަލައަކީ ރޯޔަލް އައިލެންޑް ރިޒޯޓުގެ ނަމުގައި ދޫކުރި ބަނގުރާ ފަންއައިލެންޑް ރިޒޯޓަށް ގެންދިޔަކަމަށް ތުހުމަތުކުރާ މައްސަލައެކެވެ. ވިލާގެ ވަކީލުން ނެރުނު ބުނެފައިވަނީ، ރޯޔަލް އައިލެންޑް ރިޒޯޓަކީވެސް އަދި ފަންއައިލެންޑް ރިޒޯޓަކީވެސް ބަނގުރާ އެތެރެކުރުމާއި ބަނގުރާ ގެންގުޅުމާއި ބަނގުރާ ވިއްކުމަށް ދައުލަތުގެ އިދާރާތަކުން ހުއްދަ ދީފައިވާ ދެރިޒޯޓެވެ. ކަސްޓަމްސްގެ ތަހުގީގު ޓީމުން ފަންއައިލެންޑަށް އަރާ، އެކުންފުނީގެ މުދާ ގެންދިޔައިރު މިއިން އެއްވެސް ހުއްދައެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ބާތިލުކޮށް ނުވަތަ ސަސްޕެންޑް ކޮށްފައެއްނުވާ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ބަނގުރަލަކީ ހާއްސަ ހުއްދައެއްގެ ދަށުން އެތެރެކުރެވޭ އަދި ގެންގުޅެ، ވިއްކޭ އެއްޗަކަށްވެފައި، ރޯޔަލް އައިލެންޑް ރިޒޯޓާއި ފަންއައިލެންޑް ރިޒޯޓަށް ލިބިފައިވާ ބަނގުރާ އެތެރެކުރުމާއި ގެންގުޅެ ވިއްކުމުގެ ހުއްދަތައް ސައްހަކަންމަތީ އޮތް އިރު، ފަންއައިލެންޑް ރިޒޯޓަށް ބަނގުރާ އެތެރެކޮށްފައިވަނީ ގަވައިދާ ހިލާފަށްކަމަށް ސަރުކާރުން ބުނާ ބުނުމަކީ ގާނޫނީގޮތުން ހަމަޖެހޭ ވާހަކައެއްނޫނެވެ. އަދި، ބަނގުރާ އެތެރެކުރުމާއި ވިއްކުމާއި، ގެންގުޅުމުގެ ހުއްދަ އޮތް ފަރާތަކަށް ބަނގުރާ ދޫކުރުން ކަސްޓަމްސްއިން ހުއްޓާލުމަކީ، ހުއްދަ އޮތް ފަރާތަށް ހުއްދައިގެ ދަށުން ލިބޭ އެއްވެސް ހައްގެއް ބޭނުންކުރުން މަނާވެގެންދާނެ ކަމެއް ނޫނެވެ." ވަކީލުންގެ ބަޔާނުގައި ބުންޏެވެ.