ހަބަރު

ރިސޯޓުތަކަށް އެރި ފުލުހުންގެ ނަން ހާމަ ކުރި މައްސަލަ ބަލަނީ

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިލާ ކުންފުނީގެ ރިސޯޓުތަކަށް އަރައި ހިންގި އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންގެ ނަންތައް ހާމަ ކުރި މައްސަލަ ތަހުގީގު ކުރަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ މުދާތައް ގާނޫނާ ހިލާފަށް ގެންދިޔުމުގައި ފުލުހުން ބައިވެރިވި ކަމަށާއި އެ މައްސަލަ ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަނުން ތަހުގީގު ކުރުމަށް ބާރު އަަޅާ ވިލާގެ ގާނޫނީ ވަކީލުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަކިވަކި ފުލުހުންގެ ފަރުދީ މައުލޫމާތު ހާމަކޮށްފައިވާ ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.

އަދި އެއީ ގާނޫނު ތަންފީޒު ކުރާ އިދާރައެއްގެ މުއައްޒިފުންގެ މަސައްކަތަށް ހުރަސް އެޅުމަށާއި ނުފޫޒު ފޯރުވާ ބިރު ދެއްކުމަށް ހިންގި އަމަލެއް ކަމަށް ދެކޭ ކަމަށާއި އެކަން ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހެން ބުނި އިރު ވިލާއިން ނެރުނު ބަޔާނުގައި އެ އޮޕަރޭޝަނުގައި ކަސްޓަމްސްގެ ފަރާތުން ހަރަކާތްތެރިވި ވަކިވަކި އޮފިސަރުންގެ ނަން ހާމަކޮށްފައިވާ މައްސަލަ އެ އިދާރާގެ ފަރާތުން ފުލުހަށް ހުށަހަޅަން ވަނީ ނިންމާފަ އެވެ.