ވިޔަފާރި

ހޮންކޮންގް އެފްޓީއޭ ފަހުގެ މަޝްވަރާއަށް ސައީދު ވަޑައިގެންފި

ރާއްޖެ އާއި ހޮން ކޮންގާ ދެމެދު ގާއިމްކުރާ، މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ އެންމެ ފަހުގެ މަޝްވަރާތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ފުރައިވަޑައިގެންފި އެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ވިޔަފާރި މުދާ އެތެރެކޮށް ބޭރު ކުރާ ގައުމު ކަމަށްވާ ހޮންކޮންގަށް ސައީދު ކުރައްވާ މި ދަތުރު ފުޅުގައި އެ ގައުމާއެކު ގާއިމްކުރާ އެފްޓީއޭ އެއްބަސްވުމުގައި ސޮއި ކުރުމާ ހަމައަށް ދާއިރު، ޗައިނާއެކު ސަރުކާރުން ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކޮށްފަ އެވެ.

ޗައިނާއެކު ގާއިމް ކޮށްފައިވާ، އެފްޓީއޭ- އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި އެކްސްޕޯޓް ކުރާ މަހާއި މަހުގެ ބާވަތްތައް ހުރިހާ ސީފުޑް ބާވަތްތަކެއް ހިމެނޭ ގޮތަށް ޑިއުޓީ ނުނަގައި ޗައިނާއަށް އެތެރެ ކުރަން ރާއްޖެއަށް ވަނީ ހުއްދަ ދީފަ އެވެ.

އަދި ފަސް އަހަރުގެ ތެރޭގައި ޗައިނާ ޓެރިފް ޝެޑިއުލްގައި ހިމެނޭ މަހާއި މަހުގެ އުފެއްދުންތަކާއި ސީފުޑްގައި ހިމެނޭ 27 ބާވަތެއްގެ ޑިއުޓީ ކަނޑާލައި ޗައިނާއަށް އެތެރެ ކުރުމުގެ މަގު ފަހިވެގެންދާނެ އެވެ. މީގެ އިތުރުން މަހާއި މަހުގެ 296 އުފެއްދުމާއި ސީފުޑްގެ ބާވަތްތައް ޑިއުޓީ ނުނަގައި ޗައިނާއަށް އެތެރެ ކުރުމުގެ ފުރުސަތު ރާއްޖެއަށް ފަހިވާނެ އެވެ.