ދުނިޔެ

ލަންކާއާ ސިންގަޕޫރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދައިފި

އަވަށްޓެރި ސްރީލަންކާއިން ސިންގަޕޫރާ އެކު މިނިވަން ފްރީ ޓްރޭޑް އެގްރިމެންޓް ( އެފްޓީއޭ) އެއްގައި ސޮއިކޮށްފިއެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން އިއްޔެ ބުނީ އެފްޓީއޭގައި ދެގައުމުން ސޮއިކުރީ ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގް މިހާރު ލަންކާއަށް ކުރައްްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާ ކުރެއްވި މަޝްވަރާތަކަކަށް ފަހުގައި ކަމަށެވެ.

ލަންކާއާ ސިންގަޕޫރުން އެފްޓީއޭގައި ސޮއިކުރީ ލަންކާ ރައީސްގެ ސެކްރެޓޭރިއަޓްގައި އެކަމަށް ޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. ލަންކާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރް ފޯ ޑިވެލޮޕްމެންޓް ސްޓްރެޓެޖީސް އެންޑް އިންޓަނޭޝަނަލް ޓްރޭޑް މާލިކް ސަމަރަވިކްރަމައެވެ. ސިންގަޕޫރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރް ފޯ ޓްރޭޑް އެންޑް އިންޑަސްޓްރީ އެސް އިސްވަންރަން އެވެ.

ސްރީލަންކާގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ބުނީ އެފްޓީއޭގެ ސަބަބުން ވިޔަފާރީގެ ތަފާތު ދާއިރާތަކުން އެއްގައުމުގެ ވިޔަފާރިވެެރިން އަނެއް ގައުމުގެ މާކެޓަށް ފަސޭހައިން ނުކުތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ދާއިރާތަކަކީ އީ-ކޮމާސްއާއި ޓެލެކޮމިއުނިކޭޝަން ދާއިރާއެވެ.

އެފްޓީއޭގެ ދަށުން ސިންގަޕޫރުގެ ވިޔަފާރިވެރިންނަށް އަހަރަކު 10 މިލިޔަން ޑޮލަރުގެ ލުއި ލިބޭނެއެވެ. އެއީ ލަންކާއަށް މުދާ އެކްސްޕޯޓް ކުރަން ދައްކާ ޑިއުޓީގެ ތެރެއިން މައާފްވާ ބަޔާއި ކުޑަވާ ބައިގެ ތެރެއިންނެވެ. ސިންގަޕޫރާ ލަންކާއާ ދެމެދު 2017 ވަނަ އަހަރު ކުރި ވިޔަފާރީގެ އަގު 2.7 ބިލިޔަނަށް އެރިއެވެ. އިމާރާތް ކުރުން ފަދަ ދާއިރާތަކުން ސިންގަޕޫރު ކުންފުނިތަކުން ލަންކާގައި އިންވެސްޓްކުރަން ފެށީ 1990 ގެ އަހަރުތަކުގައެވެ. އޭރުން ފެށިގެން ސިންގަޕޫރުގެ ގިނަ ކުންފުނިތަކަކުން އަންނަނީ ލަންކާގައި ހަރަކާތްތެރިވަމުންނެވެ.

ސްރީލަންކާއިން ސިންގަޕޫރާ އެކު އެފްޓީއޭގައި ސޮއިކުރުމުގެ ކުރިންް އެފަދަ އެއްބަސްވުމަކަށް ބޭނުންވާ ގިނަ ގާނޫނުތައް އެގައުމުގެ ޕާލަމެންޓުން ވަނީ ފާސްކޮށްފައެވެ.