ދުނިޔެ

ޕަދުމާވަތު އަޅުވަން އުޅޭތީ ތިއޭޓަރުތަކަށް ގެއްލުންދީފި

އިންޑިއާގެ ހިންދޫންގެ ނުރުހުން އަމާޒުވެފައިވާ ފިލްމު ' ޕަދުމާވަތު' އެޅުވުމާ ދެކޮޅަށް އެގައުމުގެ ބޮޑު ޝަހަރެއް ކަމަށްވާ އަހުމަދު އާބާދުގައި އިއްޔެ މުޒާހަރާ ކުރަން ނުކުތް މީހުން ބޮޑު ހަމަނުޖެހުމެއް ހިންގައި ތިއޭޓަރުތަކަކަށް ގެއްލުން ދީފި އެވެ.

ދަ ހިންދޫ ނޫހުން ބުނީ މުޒާހަރާކުރި މީހުން މަގުތަކުގައި ހުރި ވެހިކަލްތަކުގައި ހުޅުޖަހައި، ތިއޭޓަރު ތަކާއި ކުދި ފިހާރަތަކާއި ދެ ޝޮޕިން މޯލަކަށް ގެއްލުން ދިން ކަމަށެވެ. ހަމަނުޖެހުންތައް ހިންގީ މެމަނަގަރް އެސްޖީ ނަމަކަށް ކިޔާ ހައިވޭގައެވެ.

ހިންދޫންގެ ކަރްނީ ސޭނާ ނަމަކަށް ކިޔާ ޖަމާއަތަކުން އިސް ނަގައިގެން ކުރި އެމުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވުމުން މީހުން މައިތިރިކުރަން އިންޑިއާ ފުލުހުން ވައިގެ ތެރެއަށް ބަަޑިވެސް ޖެހިއެވެ.

" ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބީ މުޖުތަމައާ ދެކޮޅު ބައެއް. އެމީހުންނާ ދެކޮޅަށް އަހަރެމެން ހަރުކަށި ފިޔަވަޅު އަޅާނަން،" ހަމަނުޖެހުންތައް ހިންގި މީހުން ކުށްވެރިކުރައްވަމުން ގުޖުރާތު ސްޓޭޓުގެ ސަރަހައްދީ ސަރުކާރުގެ މިނިސްޓަރް އޮފް ސްޓޭޓް ފޯ ހޯމް ޕްރަދީޕީސިން ޖަޑީޖާ ވިދާޅުވި ކަމަށް ނޫހުަގައި ވެއެެވެ.

އަހުމަދު އާބާދުގެ ޕޮލިސް ކަމިޝަނަރް އޭކޭ ސިންހް ވިދާޅުވީ އެޝަހަރުގައި ހަމަނުޖެހުން ހިންގާ އެއްވެސް މުޒާހަރާައަކަށް ފުލުހުން ޖާގަ ނުދޭނެ ކަމަށެވެ.

އަހުމަދު އާބާދުގައި ފިލްމު ދައްކާ ތަންތަނުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައި ވީ ނަމަވެސް ހަމަނުޖެހުން ހިންގާތީ ފިލްމު ނާޅުވާނެ ކަމަށް ބައެއް ތިއޭޓަރުތަައް ހިންގާ މީހުން ވަނީ ބުނެފައެވެ.

ލީލާ ބަންސާލީ ޑައިރެކްޓްކޮށްފައިވާ ފިލްމު ޕަދުމާވަތު އަކީ މުސްލިމް ރަސްކަލަކާއި ހިންދޫންގެ ރާނީއަކާ ދެމެދު ހިނގި ހަމަނުޖެހުމަކާ ބެހޭ ތާރީހީ ވާހައަކަށް ބިނާކޮށްގެން ހަދާފައިވާ ފިލްމެކެވެ. އެފިލްމާ މެދު ހިންދޫން ރުޅިއައިސްގެން އުޅެނީ އެމީހުންގެ ރާނީއެއް ކަަމަށްވާ ޕަދުމާވަތީ ފިލްމުގައި ތަމްސީލުކޮށްފައިވާ ގޮތާ މެދުގައެވެ. އެމީހުން ބުނަމުން ދަނީ ފިލްމުގައި އޭނާ ތަމްސީލުކޮށްފައި ވަނީ އޭނާގެ އަބުރަށް ހުތުރުވުވާ ގޮތަށް ކަމަށެވެ.

ހިންދޫންގެ ނުރުުހުމާ ހެދި ފިލްމު އެޅުން ބައެއް ސްޓޭޓްތަކުން މަނާކުރުމުން އިންޑިއާގެ ސުޕްރީމްކޯޓުން ވަނީ އެކަން ބާތިލުކޮށްފައެވެ.