ހަބަރު

ވަކީލަކު ހަމަނުޖެހޭ އެއްވެސް މީހަކު ނުހުންނާނެ: އެމްޑީޕީ

May 6, 2015

މޭޑޭ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން އަދިވެސް އެތައް ބަޔަކަށް ގާނޫނީ ވަކީލުން ހަމަނުޖެހި އެބަތިބި ކަމަށް ފުލުހުން ބުނި ނަމަވެސް " އެއްވެސް ރައްޔިތަކަށް ލޯޔަރަކު ނެތިއެއް ނުވާނެ" ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ފުލުހުން ދަނީ މުޒާހަރާގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައުލޫމާތު ހޯދަން ކުރާ މަސައްކަތަށް ދަތިތައް ކުރިމަތިކުރަމުން ކަމަށެވެ. އޭނާ ވިދާޅުވީ އަދިވެސް 174 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މުޒާހަރާގައި ބައިވެރި ނުވާ އެތައް ބަޔަކު ވެސް، މުޒާހަރާގެ ތެރެއިން ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ފުލުހުން އެބަ ވިދާޅުވޭ އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ހައްޔަރުކޮށްފައި ތިބި މީހުންނަށް މިހާ ދުވަސް ވާއިރުވެސް އަދިވެސް، 49 ފަރާތަކަށް ލޯޔަރުން ވެސް ހަމަޖައްސަ ނުދޭ ވާހަކަ. އަޅުގަނޑު ހަމަ ފުރިހަމަ ޔަގީންކަން އަރުވަންބޭނުން އިނގޭތޯ އަޅުގަނޑުމެންގެ އެއްވެސް ރައްޔިތަކަށް ލޯޔަރަކު ނެތިއެއް ނުވާނެ،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން މަސައްކަތް ކުރަނީ މުޒާހަރާ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަން ރައްޔިތުނަށް ވިސްނައިދޭން ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައި ތިބި މީހުންގެ މައުލޫމާތު އެމްޑީޕީގެ ލޯޔަރުންނަށް ނުދީ، ހައްޔަރުކޮށްފައި ތިބި މީހުންގެ އާއިލާތަކަށް ފުލުހުން އެ މީހުން ލައްވައި ގުޅުވައި ލޯޔަރަކު ހަމަނުޖެހިގެން އުޅޭ ކަމަށް ބުނަމުންދާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ވަކީލަކު ހަމަނުޖުހޭ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ޝިފާޒް ވިދާޅުވި އިރު ޕްރެސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވި ލޯޔަރު އަބްދުﷲ ހަސީން ވިދާޅުވީ "ބަންދުކޮށްފައި ތިބި ހުރިހާ ފަރާތްތަކަށް ލޯޔަރުން ހަމަޖައްސައިދިނުމަށް އަޅުގަނޑުމެން މި ދަނީ އަޅުގަނޑުމެންނަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުން" ކަމަށެވެ.

އޭނާ ވިދާޅުވީ ހައްޔަރުކުރި މީހުން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިޔައިރު އެންމެންނަށް ވެސް ލޯޔަރުން ހަމަޖެއްސި ކަމަށެވެ. އަދި ވިދާޅުވީ ހައްޔަރުކުރާ މީހުންނަށް ލޯޔަރުން ހަމަނުޖެހިގެން މީގެ ކުރިން ކަންބޮޑުވެގެން ފުލުހުން މީގެ ކުރިން އުޅެފައި ނުވާ ކަމަށާއި މިފަހަރު ފުލުހުން އުޅެނީ ފިތުނަ އުފައްދަން ކަމަށެވެ. ހަސީން ވަނީ ހައްޔަރުކޮށްފައި ތިބި މީހުންނާ ބައްދަލު ކުުރުމަށް އިންތިޒާމްތައް ހުރި ގޮތް ވަރަށް ދޯދިޔާ ކަމަށް ވިދާޅުވެފަ އެވެ.

ހަސީން ވިދާޅުވީ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އެންމެންގެ މައްސަލަ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ފާހަގަކުރި ގޮތުގައި، ހައްޔަރުކޮށްފައި ތިބި މީހުންނަށް އާއިލާ އިން ފޮނުވާތަކެތި ލިބުމުގައި ދަތިތައް އެބަހުއްޓެވެ. އަދި ހައްޔަރުކޮށްފައި ބައިތިއްބަނީ ވަރަށް ދަތި ގޮތަކަށް ކަމަށް ވެސް ފާހަގަކުރި އެވެ.

ފުލުހުން މުޒާހަރާގައި ހައްޔަރުކޮށްފައި ވަނީ 193 މީހެކެވެ. އޭގެތެރެއިން ބައެއް މީހުނަށް ނަސޭހަތް ދީ އަދި ބައެއް މީހުން ކޯޓުން ދޫކޮށްލުމުން ބަންދުގައި ތިބި 172 މީހުނަށް އިދިކޮޅު ފަރާތްތަކުން ގާނޫނީ ވަކީލުން ހަމަޖައްސައިދީފައިވާ ކަމަށް ބުނެފައިވީ ނަވެސް އޭގެ ތެރެއިން 59 މީހެއްގެ ގާނޫނީ ވަކީލުން ވަނީ ހަމަ ނުޖެހޭ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

އަވަސް އިން ސުވާލު ކުރުމުން ފުލުހުން ބުނީ ބަންދުގައި ތިބި މީހުނަށް ގާނޫނީ ވަކީލުންނާއެކު ބައްދަލު ކުރަން ފުރުސަތު ދެމުން އަންނަ ކަމަށާއި އެކަމަށް މިހާތަނަށް އެދުުނު 106 މީހަކަށް 216 ބައްދަލުވުމެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.