ދުނިޔެ

ފަލަސްތީނު ކުދިންނާ ދެކޮޅު ފިޔަވަޅުތައް ހުއްޓަން ރާއްޖެ ގޮވާލައިފި

ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އެޅުން ހުއްޓައިލަން ރާއްޖޭން އިޒްރޭލަށް ގޮވާލައިފިއެވެ.

އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމުގައި އިޒްރޭލުން އަމަލުކޮށްފައިވާ ގޮތް މުތާލިއާ ކުރުމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ސުވިޒަލެންޑްގެ ޖެނީވާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ މަންދޫބު ހާލާ ހަމީދު ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރިކަން ދޭން ޖުވެނައިލް ޖަސްޓިސް ސިސްޓަމަށް އިޒްރޭލުން ގެނައި އިސްލާހުތަކާ އެއްގޮތަށް ފަލަސްތީނު ކުދިންނާމެދު އަމަލުނުކުރާ ކަމަށެވެ.

".. ގާނޫނާ ހިލާފަށް ހައްޔަރުވުމާއި އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހިންގާ ހަމަނުޖެހުން ތަހައްމަލު ކުރަމުންދާ ކުށެއް ނެތް ފަލަސްތީނު ކުދިންނާ މެދު މި އިސްލާހުތައް ތަންފީޒު ނުކުރާ ކަން އަހަރެމެން ފާހަގަ ކުރަން،" ކުޑަކުދިންނާ މެދު އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާއަށް އިޒްރޭލުން ގެނައި އިސްލާހުތައް ފާހަގަ ކުރެއްވުމަށް ފަހު ހާލާ ވިދާޅުވި އެވެ.

ފަލަސްތީނު މީހުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު އިޒްރޭލުން އަމަލުކުރާ ގޮތާ މެދުގައި ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެ ކަންބޮޑުވުންތައް ފާޅުކުރެއްވުމަަށް ފަހު އިޒްރޭލުން ދެކަމެއް ކުރަން ރާއްޖޭން ހުށަހަޅާ ކަންތައްތައް ހާލާ ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކުގެ ރެކޯޑް ރަނގަޅު ކުރުމަށް ކުރަން ރާއްޖޭން އިޒްރޭލަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ފަލަސްތީނު މީހުން ހަަރަކާތްތެރިވެ، ބޭސްފަރުވާ ލިބިގަތުމަށް އިޒްރޭލުން އަަޅާފައިވާ ހުރަސްތައް ނައްތައިލުން ހިމެނެ އެވެ. ފަލަސްތީނު މީހުންނަށް ބޭސްފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށާއި ކުޑަކުދިންނަށް ހިމާޔަތްދޭން ވެސް ހުށަހެޅި އެވެ.

އިޒްރޭލުން ފަލަސްތީނު މީހުންނާ މެދު އަމަލުކުރަމުންދާ ގޮތާ މެދު އިއްޔެގެ ބައްދަލުވުމުގައި ގިނަ ގައުމުތަކަކުން ފާޑު ކިއެވެ. އެ ކަމުގައި އިޒްރޭލަަށް އެއްގޮތަކަށް ވެސް ފާޑު ނުކިޔާ ގައުމުތަކުގެ ތެރޭގައި މިޔަންމާއާއި އެމެރިކާއާއި އިންޑިއާ ހިމެނެ އެވެ.

ބައްދަލުވުމުގައި އިންޑިއާގެ ފަރާތުން ވާހަކަ ދެއްކެވި ވިރަންދަރު ކުމާރު ޕައުލް ވަނީ ބައިމަދު ނަސްލުތަކުގެ މީހުންނާ މެދު އިޒްރޭލު ސަރުކާރުން އަމަލުކުރާ ގޮތް ރަނގަަަޅުކަމަށް ވިދާޅުވެ އެގައުމަށް ތައުރީފުކޮށްފަ އެވެ. އޭނާ ބައިމަދު ނަސްލުތައް ކަމަށް ފާހަގަކުރެއްވީ އިޒްރޭލުން ރަށްވެހިކަން ދީފައިވާ އަރަބީންނެވެ. އިޒްރޭލުން ކުރުމަށް އިންޑިއާއިން ހުށަހެޅި ހަމަ އެކަނި ކަމަކީ އެހެން ގައުމުތަކުން އަންނަ ޔަހޫދީންނަށް އެގައުމުން ޖާގަ ދިނުމެވެ.