ހަބަރު

ނޫރު މަރާލިކަމުގެ ދައުވާލިބޭ ދެ މީހުންގެ ޝަރީއަތް ފަށައިފި

May 6, 2015

މިދިޔަ މާޗް މަހުގެ ފަހުކޮޅު އައިޖީއެމްއެޗް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ ނޫރު އާދަމް ހަސަންފުޅު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ދެ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.

އުމުރުން 29 އަހަރުގެ ނޫރަށް ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ޏ. ފުވައްމުލަކު ޝައިނީ، މުހައްމަދު ސަމީހާއި އެރަށު ނޯވެލް، މުހައްމަދު ޝަމްލުގެ މައްޗަށެވެ. މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުވާ އިއްވުމުން އެ ދެ މީހުން ވެސް ވަނީ ވަކީލަކު އައްޔަންކުރަން ފުރުސަތަކަށް އެދިފަ އެވެ. ކޯޓުން ވަނީ އެ ދެ މީހުންނަށް ވަކީލަކު ހަމަޖައްސަން ހަފުތާއެއްގެ މުއްދަތު ދީފަ އެވެ.

ދައުލަތުން އެ ދެ މީހުންގެ މައްޗަށް ދައުވާކުރަނީ މިދިޔަ ޑިސެމްބަރު މަހު އިސްލާހުކުރި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ދައުވާގައިވަނީ އެ ދެ މީހުން އިތުރު ބަޔަކާ އެކު ސައިކަލުތަކެއްގައި އައިޖީއެމްއެޗް ކައިރިއަށް ގޮސް އޭގެ ތެރެއިން ޝަމްލު ދުއްވަން އިސް ސައިކަލުގެ ފަހަތުގައި އިން މީހާ ނޫރަށް ތޫނު އެއްޗެހިން ހަމަލާ ދިނުމުން އެ މީހާ ގޮވައިގެން ޝަމްލު ސައިކަލުގައި ގޮސްފައިވާ ކަމަށެވެ. އަދި ހަމަލާދިން ވަގުތު އެ މީހުންނާ އެކު އިތުރު ސައިކަލެއްގައި ސަމީހު އެތަނުގައި މަޑުކޮށްގެން އިނުމަށް ފަހު ހަމަލާދީ ނިމުމުން އެ މީހުންނާ އެކު ސައިކަލުގައި ސަމީހު އެތަނުން ގޮސްފައިވާ ވާތީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލީ ކަމަށް އެ ދައުވާގައިވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ކޯޓުން ވަނީ އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފަ އެވެ. އެގޮތަށް އަމުރުކޮށްފައިވަނީ ފުލުހުންނާއި ދައުލަތުން ވެސް އެގޮތަށް އެދުމުންނެވެ.