ހަބަރު

ކެނަބިސް ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށް

May 6, 2015

ކެނަބިސް ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން މި ހުކުމްކޮށްފައި ވަނީ ގދ. ވާދޫ، ޗިޗަންޑާގެ، އިނާޝް ޢަބްދުﷲ ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިއަ އަހަރުގެ ޖެނުއަަރީ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ މ. ވުޑްޕެކާގެ ބަލައި ފާސްކުރިއިރު ކޮޓަރީގެ އަލަމާރިއެއް ދަށުގައިހުރި ފޮށިގަނޑެއްގެ ތެރެއިންފެނުނު ދެ ރަބަރުގަނޑާއި ފިލްމު ހުސްކުރި ހަތަރު ދަޅުގައިހުރި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ހުރި މައްސަލައާ ގުޅިގެނެވެ.

މި ދަޢުވާ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، އެތަނުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 556.654 ގްރާމް ހުރިކަން އެ ތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށާއި އެތަނުން ފެނުނު ފިލްމު ހުސްކުރި ދަޅުން ނެގުނު ދެ ފިންގަރ ޕްރިންޓް އިނާޝް ޢަބްދުﷲ ގެ ފިންގަ ޕްރިންޓާ ދިމާވެފައިވާކަމަށާއި މައްސަލަ ސާބިތު ކުރަން ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުންނާއި ގުޅިފައިވާ ގަރީނާތަކުން އޭނާގެ މައްޗަށް މި ކުށުގެ ދަޢުވާ ސާބިތުވާކަމަށެވެ.