ހަބަރު

އިހުތިޔާރު ކުރުމުގެ މިނިވަންކަން ދިވެހިންނަށް ލިބެން ޖެހޭ: ޔޫކޭ ސަފީރު

އިހުތިޔާރު ކުރުމުގެ މިނިވަންކަން ދިވެހިންނަށް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެ، ރާއްޖޭގައި ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުންނާއި މެދު އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫނު މިނިވަން ކުރުމުން މިއަދު ކުރެއްވި ޓްވީޓެއްގައި ޑޯރިސް ވިދާޅުވީ ފާރިޝް މިނިވަން ކުރި ވާހަކަ އަޑު އިވިވަޑައިގެންނެވުމުން އުފާ ކުރައްވާ ކަމަށެވެ.

"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ހުކުމްތައް އެހެން ސިޔާސީ ލީޑަރުންނަށް ވަނީ ކުރިމަތިވެފައި. ބަންދުގައި ހުންނަވާތާ 1000 ދުވަސް ވެފައިވާ ޝައިޚް އިމްރާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތުން. ޑިމޮކްރަސީގައި އޮންނަނީ އިހުތިޔާރު. އިހުތިޔާރު ކުރުމުގެ މިނިވަން ކަން ދިވެހިންނަށް ލިބެން ޖެހޭ،" ޑޯރިސްް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރިޝްވަތު ދިނުމުގެ ހައްޔަރުކުރި ފާރިސް ހަ މަސް ދުވަހު ޖަލު ބަންދުގައި ހުންނެވީ އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމުންނެވެ. ނަމަވެސް މިއަދު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެ އަމުރު ބާތިލުކޮށް ޝަރުތުތަކާއެކު ފާރިސް މިނިވަންކޮށްފަ އެވެ. ފާރިސް މިނިވަންކުރީ ގާނޫނު އަސާސީއިން ކަށަވަރުވާ ހައްގުތައް އުނިވާ ކަމަށް ގަބޫލު ކުރެވޭތީ އާއި މައްސަލާގެ ޝަރީއަތް އަދިވެސް ދިގު ދެމިގެންދާތީ އޭނާ މިހާރު ވެސް އެކަށީގެންވާ މުއްދަތަކަށް ބަންދުގައި ބެހެއްޓިފައިވާތީ އެވެ.

ފާރިސް މިނިވަންވުމާއެކު އިދިކޮޅު ބޭފުޅުން އަންނަނީ އުފާ ފާޅުކުރައްވަމުންނެވެ. ފާރިސް ދޫކޮށްލުމަށް އަމުރު ކުރެއްވިއިރު، ޝަރީއަތުގެ އަޑުއެހުމުގައި ފާރިސްގެ ދައްތާފުޅު ޔުމްނާ މައުމޫން އިންނެވި އެވެ. ދޫކޮށްލުމަށް އަމުރު ކުރެއްވުމާއެކު ޔުމްނާއަށް އެތައް އަސަރެއް ކޮށް ކީރިތި ކުރައްވާފައިވެ އެވެ. އަދި ކޯޓުން ބޭރުގައި ވެސް އެތައް ބަޔަކު ޔުމްނާއަށް ހިތްވަރު ދެއްވަމުން ގެންދެވި އެވެ. ފާރިސް ކޯޓުން ނުކުމެވަޑައިގެން އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ވެސް ޔުމްނާއާ އެވެ.