ހަބަރު

"އެންމެ ކަންބޮޑުވަނީ އިމްރާންގެ ސިއްހަތާ މެދު"

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ޖަލަށް ލީ ފަހުން މިވީ 1000 ދުވަހު އޭނާއާ މެދު އޮތް ކަންބޮޑުވުން ފާޅުކުރަމުން ދިޔައީ އިދިކޮޅު ފަރާތްތަކުންނެވެ. އެމީހުންނަށް ގެއްލުނީ ސަރުކާރަށް ގޮންޖެއްސެވުމުގައި އެފަދަ ދެވަނައެއް ނެތް ލީޑަރެކެވެ. އިދިިކޮޅު ފަރާތްތަކާއި ބައިނަލް އަގުވާމީ މުޖުތަމައުން ވެސް އެކަމާ މެދު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން މިއަދުވެސް ވަނީ ފެނިފަ އެވެ.

މިހާ ދުވަަސްވީ އިރު އިމްރާނުގެ އާއިލާއިން ތަހައްމަލު ކުރަމުން ދިޔަ ކަންތައް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. އޭނާގެ އަނބިކަނބަލުން މަރިޔަމް ރީމް އުޅުއްވީ އުދާސްތައް ރައްޔިތުންނާ ހަމައަށް ބަންޑުންކޮށްލެއްވުމުގެ ބަދަލުގައި އޭނާ އުޅުއްވީ އިމްރާންގެ ބޭފުޅުން ހަމަޖެއްސެވުމުގައެވެ. އެކަމުގައި އުފުއްލަވަމުން ގެންދެވި ބުރަ މިރޭ ވަނީ ފުރަތަމަ ފަހަރަށް މީޑިއާއާ ހިއްސާ ކުރައްވާފައެވެ.

"... ގެއަށް ގެނެސްގައި ގެންދާ ދުވަސް ދުވަހު ސްކޫލަށް ވެސް ނުގެންދެވޭނެ. ވަރަށް ދެރަވާނެ. އެ އިހުސާސްތަކަކީ އެކުދިންނަށް އެ އުމުރުގައި ތަހައްމަލު ކުރެވޭ ވަރަށް ވުރެ މާ ބޮޑެތި ކަންތައްތަކެއް،" ރާއްޖެ ޓީވީން މިރޭ ގެނައި ރިޕޯޓަކަށް ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

އިމްރާނުގެ ބޭފުޅުން އޭނާ ގޭގައި ވަޑައިގެން ނޫޅުއްވުމުގެ ދެރަ އެންމެ ބޮޑަށް އިހުސާސް ކުރަައްވަނީ ދެނަމާދު ދޭތެރޭ ވަގުތުގައެވެ. އެއީ ގުރުއާން ކިޔެވުމާއި ދުއާތައް ދަސްކުރުން ފަދަ ކަންތައްތައް ބައްޕަޔާ އެކު ކުރާ ވަގުތެވެ. ރީމް ވިދާޅުވި ގޮތުގައި އިމްރާނަކީ އެފަދަ ކަންތައްތަކަށް ވަރަށް ރަނގަޅަށް ވަގުތު ދެއްވާ ބޭފުޅެކެވެ.

އެހުރިހާ ކަމަކާ އެކު އިމްރާން ގޭގައި އުޅުއްވުމަށް ފަހު ގެންދިއުމުން ކުދިން ހަމަ ޖައްސަން ބޮޑު މަސަައްކަތެއް ކުރަން ޖެހޭ ކަމަށް ރީމް ވިދާޅުވިއެވެ.

"ވަރަށް އުނދަގޫ ހަމަ. ކޮންމެ ކުއްޖަކީ ވަގި ގޮތަކަަށް މުއާމަލާތް ކުރަން ޖެހޭ ކުއްޖެއް. ހަމަ އެކި ކުދިން ވަކި ވަކިން ޖެހޭ ހިތްވަރު ދޭން،" އޭނާ ވިދާޅުވިއެވެ.

އިމްރާނުގެ އަނބިކަނބަލުންނާއި އޭނާގެ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އޭނާގެ ސިއްހަތާ މެދުގައެވެ. އެއީ ސިއްހީ ގިނަ މައްސަލަތަކެއް ހުރުމާ އެކުގައި ވެސް ޑޮކްޓަރަކާ ހިސާބަށް އިމްރާން ގެންދިއުމުގައި އޮތް ހުރަސްތަކާ ހެދިއެވެ.

"އިމްރާނުގެ ހުންނަނީ ޑަޔަބެޓިކް ވެސް ވެފައި، ކޮލެސްޓްރޯލްވެސް ހައި ވެފައި. ދެން އުނދަގޫތަކެއް އުފުލައިގެން ދެއްތޯ އެބޭފުންނާ ވާހަކަ ދައްކައިގެން ޑޮކްޓަރަށް ދައްކާލަން ވެސް މި ގެންދެވެނީ،" ރީމް ވިދާޅުވިއެވެ.

އެހުރިހާ ކަމެއް އެހެން އޮތަސް އޭނާ އަދިވެސް ހުންނެވީ ސާބިތު ކަމާ އެކު އިމްރާންގެ ފަހަތްޕުޅުގައެވެ. ސިޔާސީ ގޮތުން އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތަށް ތާއީދުކޮށްގެންނެވެ. އިދިކޮޅު ފަރާތްތަކުން މިރޭ ކުނޫޒުގައި ބާއްވާ ޖަލްސާއަށް އިމްރާނުގެ ބައްޕާފުޅާއި އަނބިކަނބަލުން ވަޑައިގެން ތިއްބެވީ އެހެންވެއެވެ.