ހަބަރު

"ގައުމު ސަލާމަތްކުރަން ބޭނުންވަނީ ހަމަ އެކަނި ސިޔާސީ ލީޑަރުންނެއް ނޫން"

މިހާރު ކުރިމަތިވެފައި އޮތް ހާލަތުން ރާއްޖެ ސަލާމަތް ކުރަން ބޭނުންވަނީ ހަމަ އެކަނި ސިޔާސީ ލީޑަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންވަރު ދާއިރާގެ މެމްބަރު އަދދި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބުރާހީމް މުހައްދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި މިރޭ ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގެ އެހެން ދާއިރާތަކުން ވެސް ލީޑަޝިޕް ފެންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެންމެ ގުޅިގެން ކުރާ މަސައްކަތަކުން ނޫނީ މިހާރު ގައުމު އޮތް ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

"ލީޑަޝިޕް ފެންނަން އެބަ ޖެހޭ ސިވިލް ސާވިސް ދާއިރާއިން. ލީޑަޝިޕް ފެންނަން އެބަ ޖެހޭ މިނިވަން މުއައްސަސާތަކުން. ލީޑަޝިޕް ފެންނަން އެބަ ޖެހޭ ޝަރުއީ ދާއިރާއިން. ލީޑަ ޝިޕް ފެންނަން އެބަޖެހޭ ސަލާމަތީ ހިދުމަތްތަކުން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ހަރަކާތުގެ ލީޑަޝިޕާ މެދު ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެ، ރައްޔިތުން މާޔޫސް ނުވުމަަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުވެސް ބައިވެރިވަޑައިގެންނެވިއެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމްގެ ހިތާބެއް ޖަލްސާގައި އިއްވިއެވެ. މިރޭގެ ޖަލްސާ އަކީ އިމްރާން ޖަލުގައި ހުންނަވާތާ 1000 ދުވަސް ފުރުމުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ބޭއްވި ޖަލްސާއެކެވެ.

މިރޭގެ ޖަލްސާއަށް ޖޭޕީގެ ލީޑަރު ގާސިމް އިބުރާހީމް ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކޮށްފައިވާ ހުވަޔާ އެއްގޮތަށް ފަނޑީޔާރުންނާއި ފުލުހުންނާއި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށްގެން ނޫނީ މިވެރިކަމުން ރައްޔިތުން ސަލާމަތްކޮށް ނުދެވޭނެ ކަމަށެވެ. ވަކި ފަރާތެއްގެ ނުފޫޒަކަށް ނުޖެހި ދަތި ތަކާއި ބިރުވެތިނުވެ ހަވާލުވެފައިވާ ޒިންމާ އާއި މަސްއޫލިއްޔަތު އަދާާކުރުމުން ނޫނީ މިއަދު ދިމާވެފައިވާ ހިތްދަތި ހާލުން މިންޖު ވެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އަނިޔާވެރިކަމާއި ރައްޔިތުންގެ މުދާ ރައްކާތެރިކޮށް ސަލާމަތް ކުރުމަކީ ކޮންމެ މީހަކުވެސް މިއަދު ކުރަން ޖެހިފައިވާ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.